16 Mar 2016, 11:44
ގަޑިން ހެނދުނު ނުވައެއް ޖަހަނީ އެވެ. އާދައިގެ މަތިން އެކި ދިމަދިމާއަށް ދުރުމި އަޅަމުން "މާކަރީ 7" ދޯނި ނުކުތީ މަސް އައިނެއްގެ ހިލަމެއް ވޭތޯ އެވެ. ކުއްލިއަކަށް ދުރުމީގެ ނަޒަރު ހުއްޓުނެވެ. ނަމަވެސް މިފަހަރު މަސް އައިނަކަށް ނޫނެވެ. ށ. ފީވަކު 30 މޭލު ބޭރުން ފެނުނު ހުދު ކުލައިގެ އެއްޗަކަށެވެ.
"ދުރުމި އަޅަން ހުއްޓާ ފެނުނީ ތޭލާން ލާފައި އޮތް ހުދު ކުލައިގެ އެއްޗެއް. ގާތްގަނޑަކަށް މޭލެއްހާ ދުރުމިނުން. ދެން ވަގުތުން ދޯނި އަނބުރާލީ،" "މާކަރީ" ދޯނިން މިދިޔަ އާދީއްތަ ދުވަހު ކަންނެއްޔަށް ދިޔަ ށ.ފޯކައިދޫ، އަދުރުމާ، އިބްރާހިމް ރިޒާ، 39 ބުންޏެވެ.
ކޮންމެ އަކަސް އެ ފެނުނު އެއްޗަކީ ކޮން އެއްޗެއްތޯ ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. އަދި އެ މަގުސަދުގައި ދޯނީގެ މިސްރާބު އެ ދިމާއަށް އަނބުރާލި އެވެ.
"ގާތްގަނޑަކަށް ދޯނީގެ ކުރި މަގަށް ވުރެ މާ ފަސްވެފައި އޮއްވައި އޭނަ އަށް މީތި ފެނުނީ. ބުނެފި ކެޔޮޅާ އެއޮއް ދަނީ މާވަހަރެކޭ. ފުރަތަމަ ބުނީ އެއްޗެކޭ. އެހެން ކިޔާފައި އަނބުރާލީމަ ބުނީ މާވަހަރެކޭ،" ބަރުދަނުގައި 60 ވަރަކަށް ކިލޯ ހުރި މާވަހަރު ކަމަށް ބެލެވޭ އެއްޗެއް ފެނުނު ގޮތާ ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދެއްކި "މާކަރީ" ދޯނީގެ ކައްޕި ށ.ފޯކައިދޫ މޭނާގެ، އަލީ ހުސައިން ބުންޏެވެ.

މަހަށް ނުކުމެ އުޅެނިކޮށް، މިދިޔަ އާދީއްތަ ދުވަހު ށ. ފޯކައިދޫ "މާކަރީ 7" ދޯނިން ހޮވި މާވަހަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މާވަހަރު" އެކޭ ބުނުމާއެކު އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި މާވަހަރު ކަމަށް ބެލެވޭ އެ އެއްޗެއް ދޯންޏަށް އެރުވުމުގެ މަސައްކަތް ކުރި އެވެ. އޭރު ބެލެވިފައި އޮތީ އެއީ ހުދަންބަރެއް ކަމަށެވެ. "މާކަރީ" ދޯންޏަކަށް އެ ދުވަހު މަސްވެރިކަން ކުރެވޭ ގޮތެއް ނުވި އެވެ.
ކައްޕިތާނު ބުނި ގޮތުގައި އެ ދުވަހު ބޭނުނީ އެންމެ ކަންނެއްޔެކެވެ. ކޮންމެ އަކަސް، ހުރިހާ ފަޅުވެރިންގެ އިއްތިފާގުން "މާކަރީ" ދޯނި އެނބުރި ފޯކައިދޫ އަށް ދިޔަ އެވެ. އަދި ފެނުނު އެއްޗަކީ މާވަހަރެއްތޯ ޔަގީން ކުރުމުގެ މަސަކަތް ފެށި އެވެ.
އެ ފެނުނު އެއްޗަކީ މާވަހަރެއްތޯ ޔަގީން ކުރުމަށް ފޯކައިދޫ ދުވަސްވީ މީހުންނަށް ދައްކައި ހެދި އެވެ. ނަމަވެސް އެއީ މާވަހަރެއް ކަމެއް ނުވަތަ ނޫންކަމެއް ޔަގީން ކޮށްދެވޭ ވަރުގެ މީހަކާ ދިމާ ނުވާ ކަމަށް ކައްޕިތާން އަލީ ހުސައިން ބުންޏެވެ.
"ވަރަށް ގިނަ މީހުން ތަހުލީލުތައް ކުރިން. އެއްވެސް މީހަކު މާވަހަރެއް ނޫނެކޭ ވެސް ނުބުނޭ. އަދި އެއީ މާވަހަރެކޭ ވެސް އެކަކު ވެސް ނުބުނޭ،" މާކަރީ ދޯނީގެ ކައްޕި ބުންޏެވެ.

މަހަށް ނުކުމެ އުޅެނިކޮށް، މިދިޔަ އާދީއްތަ ދުވަހު 60 ކިލޯގެ މާވަހަރު ހޮވި ށ. ފޯކައިދޫ "މާކަރީ 7" ދޯނި-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންމެއަކަސް އެ މާވަހަރު ކަމަށް ބެލެވޭ އެއްޗެއް މިހާރު ވަނީ މާލެއަށް ގެނެސްފަ އެވެ. އަދި އެއީ މާވަހަރެއްތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު އަންނަނީ ކުރެވެމުންނެވެ. މާވަހަރެއްކަން ޔަގީން ކުރުމަށް ދެ ފަރާތަކަށް ވަނީ ސާންޕަލްތަކެއް ދީފަ އެވެ.
މާކަރީ ދޯނިން ހޮވި މާވަހަރަކީ 60 ކިލޯގެ ހުދަންބަރަކަށް ވެއްޖެ ނަމަ ބާޒާރުގައި އޭގެ އަގު 22.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ށ.ކޮމަންޑޫ މީހަކު ހޮވި 30 ކިލޯގެ މާވަހަރު ވިއްކާފައި ވަނީ 11.4 މިލިއަން ރުފިޔާ އަށެވެ.
މީގެ ކުރިން ވެސް ރާއްޖެއިން ބޮޑެތި މާވަހަރު ފެނިފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް މާވަހަރުތައް ބޮޑު އަގުގައި ވިއްކާފައިވާ އިރު، އަނެއް ބައި މާވަހަރުތަކުގެ މައްސަލަ އޮތީ ޝަރީއަތާ ހިސާބުގަ އެވެ.
"މާކަރީ" ދޯނިން ހޮވި އެއްޗަކީ އަސްލު މާވަހަރެއް ނަމަ އަދި އެ މާވަހަރު ވިއްކާލައިގެން ލިބޭ ފައިސާ އިން "ހޭދަ" ކުރާނީ ކިހިނެއްތޯ ކައްޕިތާނާ ސުވާލު ކުރުމުން ބުނީ، އެ ފައިސާ ދޯނީގެ ހުރިހާ އެންމެންގެ މައްޗަށް އެ އޮންނަ އުސޫލެއްގެ މަތިން ބަހާނީ ކަމަށެވެ.
ހަމައެއާ އެކު، ކައްޕިތާނަށް ލިބޭ ބައިން، އެހީއަށް ބޭނުންވެފައި ތިބި މީހުންނަށް ވެވޭ މިންވަރަކުން އެހީވާނެ ކަމަށްވެސް ކައްޕިތާނު ބުންޏެވެ.
މީ މާވަހަރަކަށް ވެއްޖެއްޔާ އަޅުގަނޑު ހަމަ އެހީތެރި ވެދޭނަން އަޅުގަނޑުގެ އާއިލާއަށާއި ހަމަ ކޮންމެ ފަރުދަކަށް ވެސް އެ މީހެއްގެ މުހުތާދު ފުއްދައިދޭނަން އަޅުގަނޑު ކައިރިއަށް އައިއްޔާ އަޅުގަނޑަކަށް ވާ ވަރަކުން. އަޅުގަނޑު މީތި ހޭދަ ކުރާނީ ރަނގަޅު ގޮތުގައި. ނުކުޅެދޭ ކުދިންނަނާއި އާއިލާތަކަށްއަލީ ހުސައިން، މާކަރީ ދޯނީގެ ކައްޕި
މީގެ ކުރިން ވެސް މާވަހަރު ފެނުނު ބައެއް "ނަސީބުވެރިން" ވަނީ މާވަހަރު ވިއްކާލައިގެން ލިބުނު ފައިސާ، އިޖުތިމާއީ އަދި ދީނީ އެތައް ކަންތައްތަކަކަށް ހޭދަ ކޮށްފަ އެވެ. އެގޮތުން އެއް ބަޔަކު މީހުން ހައްޖަށް ފޮނުވުމުގެ މަސައްކަތް ކުރި އިރު އަނެއް ބަޔަކު ވަނީ އެ ފައިސާ އިން ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދީ ސަދަގާތް ކޮށްފަ އެވެ. ހަމައެއާ އެކު، ފަހުގެ ތާރީހެއްގައި މާވަހަރު ހޮވި ބައެއް ފަރާތްތަކުން ވަނީ ރަށުގެ ހުރިހާ ގެއަކަށް ކާޑު ބެހުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

މަހަށް ނުކުމެ އުޅެނިކޮށް، މިދިޔަ އާދީއްތަ ދުވަހު ށ. ފޯކައިދޫ "މާކަރީ 7" ދޯނިން ހޮވި މާވަހަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންމެއަކަސް "މާކަރީ" ދޯނިން މިދިޔަ އާދީއްތަ ދުވަހު ހޯދި މާވަހަރު ކަމަށް ބެލެވޭ އެއްޗަކީ މާވަހަރެއް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެ އެވެ. އެކަން ޔަގީން ކުރުމުގެ ތަހުލީލުތައް މިހާރު ކުރެވެމުން އަންނަ އިރު، އެއީ މާވަހަރަކަށް ވެއްޖެ ނަމަ ވިއްކާލައިގެން ކައްޕިތާނަށް ލިބޭ ފައިދާ ހެޔޮ ގޮތުގައި ހޭދަ ކުރުމަށް އޭނާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.