ބްރޫނާއީގެ ގައުމީ އެއާލައިން ރޯޔަލް ބްރޫނައި އެއާލައިންސްގެ، ހުސް އަންހެނުން އޮޕަރޭޓް ކުރާ ފްލައިޓު ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި އެވެ. ސައުދީ އަރަބިއްޔާއަކީ، އެގައުމުގައި އަންހެނުން ކާރާއި އެހެނިހެން ވެހިކަލްތައް ދުއްވުން މަނާ ގައުމެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބްރޫނާއި އެއާލައިންސްގެ މި ފްލައިޓު ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި އިރު، ފްލައިޓުގައި ތިބީ ހުސް އަންހެން ކްރޫއިންނެވެ. ފްލައިޓުގެ ކެޕްޓަނާއި، ފަސްޓް އޮފިސަރުންނަށް ވެސް ތިބީ އަންހެނުންނެވެ.

އެ ފްލައިޓުގެ ކެޕްޓަން އަދި ބްރޫނާއިގެ ފުރަތަމަ އަންހެން ޕައިލަޓު، ކެޕްޓަން ޝަރީފާ ސުރައިނީ ބުނެފައި ވަނީ، ބްރޫނާއީގެ އަންހެނަކަށްވެ ހުރެ ޕައިލަޓެއް ފަދަ މުހިންމު ވަޒީފާއެއް އަދާ ކުރެވުމަކީ ފަޚުރެއް ކަމަށެވެ.

ކެޕްޓަން ޝަރީފާ ސައުދީ އަރަބިއްޔާއަށް ކުރި ދަތުރުގައި، އޭނާއަށް އެހީތެރިވުމަށް ފްލައިޓުގެ ކޮކްޕިޓުގައި ތިބީ ފަސްޓް އޮފިސަރު ނާދިޔާ ހާޝިމްއާއި ފަސްޓް އޮފިސަރު ސަރިއާނާ ނޯދިން އެވެ.

ރޯޔަލް ބްރޫނާއި އެއާލައިނުން އަދިވެސް މަސައްކަތް ކުރަމުން ދަނީ، އެ އެއާލައިން މެދުވެރިކޮށް މިހާރަށް ވުރެ ވެސް ގިނަ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

ކެޕްޓަން ޝަރީފާ ދުއްވި ފްލައިޓު ސައުދީ އަރަބިއްޔާއަށް ދަތުރުކުރި އިރު، އެގައުމުގައި އަންހެނުން ކާރު ދުއްވުން މަނާ ކަމަށް ބުނާ ގާނޫނެއް ހެދިފައެއް ނުވެ އެވެ. ނަމަވެސް އަންހެނުންނަށް ކާރު ދުއްވުން މަނާ ކަމުގައި އެގައުމުގައި ކަނޑައަޅާފައި ވަނީ އެގައުމުގެ އިލްމުވެރިންގެ ފަތުވާތަކަށް ރިއާޔަތް ކޮށްފަ އެވެ. މިކަމަކީ އިންސާނީ ހައްގުތަކާއި ޚާއްސަކޮށް އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ބުނެ އެވެ.