ވަޓްސްއެޕް އަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ އެއް ސްމާޓު ފޯނު އެޕް އެވެ. ވަޓްސްއެޕް ބޭނުންކުރާ ބިލިޔަނަކަށް ވުރެ ގިނަ މީހުން އުޅޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް މިއީ ވަޓްސްއެޕްގެ ވާހަކައެއް ނޫނެވެ.

މިއީ ވަޓްސްއެޕް އުފެއްދި ދެ މީހުންގެ ތެރެއިން އެކެއްގެ ވާހަކަ އެވެ.

ބްރަޔަން އެކްޓަން އޭނާގެ މަތީ ތައުލީމު ހާސިލު ކުރުމަށް ފަހު 1990ގެ އަހަރުތަކުގައި އެޕަލްއަށާއި އެޑޯބީ ކުންފުންޏަށް ޕްރޮޑަސްޓް ޓެސްޓާއެއްގެ ގޮތުގައި މަސައްކަތް ކޮށްދިނެވެ. އަދި 1996 ވަނަ އަހަރު ޔާހޫ ކުންފުނީގައި އިންފްރާސްޓްރަކްޗާ އިންޖިނިއަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށި އެވެ. އަދި އޭގެ 11 އަހަރު ފަހުން، 2007 ވަނަ އަހަރު އޭނާ ޔާހޫއިން ވަކިވި އެވެ.

ދެހާސް ނުވަ ވަނަ އަހަރު ބްރަޔަން އެކްޓަން ވަނީ ސޯޝަލް މީޑިއާގެ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ ފޭސްބުކްއާއި ޓުވިޓާގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރުމުން، އެ ދެ ކުންފުންޏަށް ސިޓީ ލައިފަ އެވެ. ނަމަވެސް ދެ ކުންފުނިން ވެސް އޭނާ އަށް ދިން ޖަވާބަކީ އުފާވެރި ޖަވާބެއް ނޫނެވެ. އޭނާއަށް ވަޒީފާ ނުލިބުނެވެ.

މިކަމުން އަރައިގަތުމަށް ޓަކައި، ބްރަޔަން ނިންމީ އާ އެޕްލިކޭޝަނެއް ތައާރަފު ކުރުމަށެވެ. ޔާހޫގައި އޭނާއާ އެކު ވަޒީފާ އަދާކުރި ޔާން ކައުމް ނަމަކަށް ކިޔާ އިންފްރާސްޓްރަކްޗާ ޑިވެލޮޕަރަކާ އެކު އޭނާ ވަޓްސްއެޕް އުފެއްދުމުގެ މަސައްކަތް ކޮށް، ވަޓްސްއެޕް ތައާރަފު ކުރި އެވެ. އަދި ކައުމްއާއި އެކްޓަންއާ ދެ މީހުންނަކީ ވަޓްސްއެޕްގެ ކޯފައުންޑަރުންނަށްވި އެވެ.

އަމިއްލަ މަސައްކަތުން 2009 ވަނަ އަހަރު ތައާރަފު ކުރި މި އެޕްލިކޭޝަނުގެ މަގްބޫލުކަން ދުނިޔޭގައި ބޮޑުވި އެވެ. އަދި، ބްރަޔަން އެކްޓަންއަށް ވަޒީފާއެއް ދިނުމަށް ދެކޮޅު ހެދި ފޭސްބުކް ކުންފުނިން، އޭގެ ފަސް އަހަރު ފަހުން ބްރަޔަންގެ އެޕްލިކޭޝަން ގަތެވެ. ފައިސާއާއި މުދަލުން 19 ބިލިޔަން ރުފިޔާގެ އަގު ދައްކާފައި ފޭސްބުކް އިން ވަޓްސްއެޕް ކުންފުނި ގަނެ، ވަޓްސްއެޕް ފޭސްބުކްގެ ދަށަށް ގެނައި އިރު، ބްރަޔަން އެކްޓަންގެ ނެޓް ވޯކް އެކަނި ވެސް ހަތަރު ބިލިޔަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

އިބުރަތަކީ، ކުރަން ހިތު ލީ މަސައްކަތް ނުކުރެވުމަކީ، ހުރިހާ ކަމެއް ހުއްޓާލަން އުޒުރެއް ނޫނެވެ. ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ، ތިމާއާއި ދިމާލަށް ބަލައިލުމަށް ވެސް ދެކޮޅު ހެދި ބޮޑެތި ކުންފުނިތަކާއި ހައިބަތު ބޮޑު މީހުން އެންމެ ފަހުން ތިމާގެ އެހީތެރިކަމަށް، ނުވަތަ ތިމާގެ ކިބައިން ފައިދާއެއް ލިބޭނެކަން އެނގި، އެ ފައިދާއެއް ނުވަތަ އެހީތެރިކަން ހޯދުމަށް އައުމަކީ ހަމަ ވެދާނެ ކަމެކެވެ.

މަސްދަރު: ދަ އިންޑިޕެންޑެންޓް