16 Mar 2016, 00:28
ސަރުކާރުން ދައުވަތު ދީފައިވާ މަޝްވަރާތަކުގައި އެމްޑީޕީން އަދި ބައިވެރިވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިހާރު ސިޔާސީ ޕާޓީތަކަށް ހުޅުވާލާފައިވާ މަޝްވަރާތަކަށާއި ސަރުކާރާ ވަކިން މަޝްވަރާ ކުރުމަށްވެސް އެމްޑީޕީއަށް ދީފައިވާ ދައުވަތު އެމްޑީޕީން ވަނީ ގަބޫލްނުކޮށެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވީ، މަޝްވަރާއަށް ދިއުމަށް އެމްޑީޕީއަށް ބޭރުގެ ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރަމުން ދާ ކަމަށެވެ. ކުރިއަށްއޮތްތަނުގައި އެމްޑީޕީން އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ވިދާޅުވާނެ އެމްޑީޕީގެ ލީޑަރޝިޕްކައިރީގައި، އެބޭފުޅާގެ ކުދިން ކައިރީގައި ވިދާޅުވާނެ އޭއޭ ހެޔޮނުވާނޭ ރައީސް ޔާމީން ބުނިވާހަކައެއް ދައްކާފައި އަންނާށޭ، އެދުވަސް އަންނާނެ، ބައްލަވަން ހުންނަވާ،" މޫސަ ވިދާޅުވިއެވެ.
ޕާޓީގެ މެމްބަރުންގެ ހަކަތައާއި 2018 އަށް އިންތިހާބަކަށް ތައްޔާރުވުމުގެ މަސައްކަތުގެ ބަދަލުގައި ހަމައެކަނި ފޯކަސް ކުރެވިގެން މިދަނީ ރައީސް ނަޝީދާއި އަދި ބަގާވަތުގައި ބައިވެރިވި އިމްރާނާއި ނާޒިމް އެމީހުން ކުރިމައްޗަށް ލައިގެން ކުރެވޭ މަސައްކަތްތަކެއް މިއުޅެނީ.ރީކޯ މޫސާ މަނިކް
އޭނާ ވިދާޅުވީ، އެމްޑީޕީން މަޝްވަރާގައި ބައިވެރިނުވަނީ އެމްޑީޕީ އޮތީ ހައިޖެކް ކުރެވިފައިވާތީ ކަމަށެވެ.
މަޝްވަރާއަށް ގޮވާލުމަކީ ސަރުކާރަށް އޮތް "ޕްލަސް ޕޮއިންޓެއް" ކަމަށާއި ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައ،ި ރައީސް ނަޝީދަށް މާފްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ދައުވަތު ދިން ކަމަށް ސަރުކާރަށް ބުނެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ނެތި ދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށާއި ނަމަވެސް އެ ޕާޓީދަނީ އަނދިރިކަމެއްގެ ތެރެއަށް ވަންނަމުން ކަމަށް މޫސަ ވިދާޅުވިއެވެ. ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކާއެކު ހިންގޭ ހަރާކާތްތައް ގެއްލެމުންދާއިރު ޕާޓީއަށް ލިބޭ ފައިސާ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް ހަރަދުކުރަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
"ޕާޓީގެ މެމްބަރުންގެ ހަކަތައާއި 2018 އަށް އިންތިހާބަކަށް ތައްޔާރުވުމުގެ މަސައްކަތުގެ ބަދަލުގައި ހަމައެކަނި ފޯކަސް ކުރެވިފައި މިވަނީ ރައީސް ނަޝީދާއި އަދި ބަގާވާތުގައި ބައިވެރިވި އިމްރާނާއި ނާޒިމް އެމީހުން ކުރިމައްޗަށް ލައިގެން ކުރެވޭ މަސައްކަތްތަކެއް މިއުޅެނީ،" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، އެމްޑީޕީ މިހާރު ސިފަވެގެންދަނީ ވަކި މީހަކަށް ކަމަށާއި ދިވެހި ދައުލަތް ވަކި މީހެއްގެ ނަމުގައި އޮތްހެން މިހާރު މުޅި އެމްޑީޕީ ސިފަވެގެންދަނީ ވަކި މީހަކަށް ކަމަށް މޫސަ ވިދާޅުވިއެވެ.