ސައުދީ އަރަބިއާ އިން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ ގެންނެވި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެއްބަސްވެވަޑައިގެންފިއެވެ.

ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ، ސައުދީން ގެނައި ފައިސާތަކެއްގެ ވާހަކަ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ދައްކަވާއިރު، ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާއެކު ސައުދީ ސަރުކާރާއެކު މަސައްކަތްކޮށްގެން އޭނާ މެދުވެރިވެގެން ދިވެހި ރައްޔިތުންގެ ފައިދާއަށްޓަކައި ފައިސާތަކެއް އެގައުމުން ގެނެސްފައިވާ ކަމަށެވެ.

" ރަނގަޅުވާހަކައެއް އެ ވިދާޅުވަނީ، ސައުދީން ވަރަށް ގިނަ ފައިސާ އަޅުގަނޑު ގެނެސްފައި ހުންނާނެ. އެކަމަކާ އަޅުގަނޑު ލަދުވެއްޗެއް ނުވަން،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ، އޭނާ މެދުވެރިވެގެން ސައުދީން ގެނެސްފައި ވަނީ 15 މިލިއަން ޑޮލަރު އެކަނި ނޫން ކަމަށާއި އެތައް ސަތޭކަ މިލިއަން ޑޮލަރެއް އޭނާ މެދުވެރިވެގެން ރާއްޖެ ގެނެސްފައި ހުންނާނެ ކަމަށެވެ.

އެގޮތުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 100 މިލިއަން ޑޮލަރާއި ހުޅުމާލެ ތަރައްގީ ކުރުމަށް 80 މިލިއަން ޑޮލަރާއި މިސްކިތް ބިނާކުރުމަށް 15 މިލިއަން ޑޮލަރުގެ އިތުރުން ބަޖެޓަށް 20 މިލިއަން ޑޮލަރު އޭނާ ގެނެސްދީފައިވާނެ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވާގޮތަށް އެ ފައިސާ އުފުލީ އޭނާގެ ކާރުކޮޅުގައި ނޫން ކަމަށާއި އެ ފައިސާ ރާއްޖެ ގެނައީ އެމްއެމްއޭގެ އެކައުންޓު މެދުވެރިވެގެން ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ސައުދީއާ ގުޅުންހުރި ޕްރޮޖެކްޓުތަކުގައި އިސްކޮށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ވަޒީރު އަޅުގަނޑަކީ. އަޅުގަނޑު މެދުވެރިވެގެން 15 މިލިއަނެއް ނޫން ބައިވަރު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހުންނާނެ. އެކަމަކު އެ އެއްޗިހި އުފުއްލީކީ އަޅުގަނޑު ކާރު ފަހަތަކު ނޫން. އެ އެއްޗިހި ހުރީ އެމްއެމްއޭ އެކައުންޓު މެދުވެރިކޮށް ރާއްޖެ އައިސްފައި ހުރީ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީއާ ގުޅޭގޮތުން އަލީ ވަހީދު ކުރައްވާ ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެވިދާޅުވާފަދަ ތުހުމަތެއް އޭނާއަށް ކުރެވޭނަމަ ހެއްކާއެކު އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑާ ދޭތެރޭ ކުރެވޭ ތުހުމަތެއް ހުރެއްޖެ ކަމަށްވަންޏާ އެ ހުރި ހެއްކަކާ އެކު މިތަނަށް ވަޑައިގަންނަވާށޭ. ދުރުގައި ހުރެގެން ކިތަންމެ ވަރަކަށް ހަޅޭ ލެވިޔަސް އެއަކުން ވާނެ ކަމެއް ނޯންނާނެ،" ޝައިނީ ވިދާޅުވިއެވެ.