15 Mar 2016, 22:21
މާލޭ ސްވިމިން ޓްރެކް ސަރަހައްދަށް މޫދަށް އެރޭ މީހުންނަށް ހިލޭ، ސާފު ފެނުން ފެންވެރޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސްޓެލްކޯއިން އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ "ފެންމާ" ވަކިވަގުތުތަކެއްގައި ބަންދުކޮށްފައި ބަހައްޓާގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.
ކޮންމެ ގަޑިއަކުވެސް ފެންވެރޭގޮތަށް މީގެ އަށެއްކަ މަސްދުވަސް ކުރިން ހުޅުވި އެ "ފެންމާ" ގެ މާގަނޑުތަކާއި އެހެނިހެން ތަކެތި ވަގަށް ނަގަމުންދާތީ މިހާރު ވަނީ އެތަން މަރާމާތަށް ބަންދުކޮށްފައެވެ. އެތަން މަރާމާތު ކުރަމުންދާއިރު ބަންދުކުރެވޭގޮތަށް ދަގަނޑު ހޮޅިތަކެއް ޖަހައި އެތަނުގައި މިހާރު ވަނީ ދެ ދޮރު ބަހައްޓާފައެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، މަރާމާތަށްފަހު ދެން އެތަން ހުޅުވޭއިރު އެތަން ބޭނުންކުރެވޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ. މީހުން އާންމުކޮށް މޫދަށް ނޭރޭ ވަގުތުތަކުގައި އެތަން ބަންދު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ދަންވަރާއި އާންމުކޮށް މީހުން ނޫޅޭ ގަޑިތަކުގައި އެތަން ބަންދުކުރެވޭގޮތަށް މިހަދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެތަން މަރާމާތު ކުރުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.
އެތަން ހުޅުވި ދުވަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ ފެންމާގަނޑުތައް ސާފުތާހިރު ކަމާއެކު ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ފަތަންދާ ޓްރެކް ސަރަހައްދުގައި މީގެ ކުރިން މީހުން މޫދަށް އެރުމަށްފަހު ލޮނު ފިލުވުމަށްޓަކައި ޖެހެނީ ފުޅިފުޅިއަށް އަޅައިގެން ގެއިން ފެން ގެންދާށެވެ.