15 Mar 2016, 22:47
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން އެ ގާއިމް ވެގެންދިޔައީ ޝަރުއީ ނުބައި އުސޫލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަށީގެންވާ ވަރުގެ ޝައްކުތަކެއް ކާނަލް ނާޒިމްގެ ގާނޫނީ ވަކީލުން އެ ހުކުމާ މެދު އުފައްދާފައިވާ ކަމަށާއި އެއީ ބޭއިންސާފު ހުކުމެއް ކަމަށެވެ.
Col.Nazim's lawyers raised reasonable doubts on his prosecution. HC judgement is a travesty of justice setting a dangerous precedent.
— Mohamed Jameel Ahmed (@MJameelAhmed)March 15, 2016
ކާނަލް ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ފިސްތޯލައަކީ ނާޒިމްގެ ކޮންޓްރޯލް ދަށުގައި އޮތްތަނަކުން ހޯދި އެއްޗެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.
އެ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް އޭނާ އަށް ދެއްކިފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ނާޒިމް ދިރިއުޅުއްވި ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައިގައި ފިންގާ ޕްރިންޓެއް ހުރިއިރު އެއީ އޭނާގެ ފިންގާ ޕްރިންޓު ނޫންކަން ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވާއިރު، އޭގައި ވަނީ ކާކުގެ ފިންގާ ޕްރިންޓުކަން ފުލުހުން ބަލާފައިނުވާ ކަމަށް ދައުލަތުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ނާޒިމްގެ ވަކީލުން އަންނަނީ ފާހަގަކުރަމުންނެވެ.