15 Mar 2016, 19:57
އޭއެފްސީ ކަޕްގައި ހޮންކޮންގެ 0-0ގެ ނަތީޖާ އަކުން އެއްވަރުވެ ލިބުނު ޕޮއިންޓާއި އެކު އެ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެއްޖެއެވެ.
ނިއު އަށް ލިބުނު އެއް ޕޮއިންޓާއެކު ޖުމްލަ ދެ ޕޮއިންޓް ލިބިގެން އަދިވެސް އެ ޓީމް އޮތީ ގުރޫޕްގެ ފުލުގައެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުރިއަށް އޮތް ދެމެޗު ކާމިޔާބް ކޮށްގެން އެ ޓީމަށް އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ގޫރޫޕްގެ އެއްވަނައިގައި އޮތް ކަޔާ އެފްސީ އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސިންގަޕޫރުގެ ބެލެސްޓިއާ އެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއި އެކު ޖުމުލަ ހަތަރު ޕޮއިންޓް ލިބިގެން ކިޗީ އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ.
ހޮންކޮންގެ މޮންގް ކޮކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގެ ފުރަތަމަ 20 މިނެޓްގައި ކިޗީއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ނިއުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅުގައި ނިއު އިން ވަނީ މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ ކިޗީގެ ގޯލަށް ނުރައްކާކޮށްފައެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ނިއު އިން އުފެއްދި ހަމަލާއެއްގައި ރިލްވާން ވަހީދު (ރިލޭ) ކިޗީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ލިބޭ ހިސާބުގައި އެ ޓީމްގެ ކުޅުންތެރިއެއް ނެތުމުން އެ ބޯޅަ ކިޗީގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފްގައި ގޯލަށް އަމާޒް ކޮށް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިވަނީ ކިޗީއަށެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ކިޗީއަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗައް ހުރަސް ކޮށްލި ބޯޅައެއް އެ ޓީމްގެ ކުޅުންތެރިއެއް ފޮނުވާލި ނަމަވެސް ނިއުގެ ކީޕަރު އަބޫ ސުލޭމާން ވަނީ ހުޝިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފްގައި ކިޗީން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ކިޗީގެ ފޯވާޑުންނަށް ވަނީ ނިއުގެ ޑިފެންސްލައިން ފޫއަޅުވާލައި ގޯލެއް ކާމިޔާބް ކުރެވޭ ގޮތް ނުވެފައެވެ.
އެގޮތުން ކިޗީގެ ފޯވާޑް ކްރިސްޓިއަން އަންނާން އާއި ރުފީނޯ ނިއުގެ ގޯލަށް އަމާޒް ކޮށް ފޮނުވާލި ހަމަލާތައް ވެސް ވަނީ މެޗުގައި ހުޝިޔާރު ސޭވް ތަކެއް ކުރި އަބޫ ދިފާއުކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ކެޕްޓަން އަހުމަދު ނިޔާޒް ބުނީ މިއަދުގެ މެޗުގައި ނިއުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ތަފާތު ވާނެ ކަމަށާއި އެމެޗު ކާމިޔާބް ކުރެވޭނެ ކަމުގެ ޔަގީން ކަން ވަރަށް ބޮޑު ކަމަށެވެ.