27 Apr 2011, 14:47
މުޖުތަމައަށް ނުރައްކާތެރި ކުށްވެރި އެއް ކަމަށް ފުލުހުން ތުހުމަތުކޮށް ފޮޓޯ އާންމުކުރި ގދ. ފަރެސްމާތޮޑާ، ހައްސާން އަލީގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވައިފި އެވެ.
މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ހައްސާންގެ މައްޗަށް ކުރާ ދަޢުވާގައި ބުނަނީ ބޮޑުތަކުރުފާނުމަގު 16 ނަމްބަރު ގާޑިޔާ ކައިރީ މިދިޔަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު ހ. ހަމަރޯޅި ރިލްވާން ފަރުހަތާއި ހ. އަގި، އަސީލް އިސްމާއިލާއި އަދި ހައްސާން ތިބި ކަމަށެވެ. އަދި އެ ތިން މީހުންގެ ތެރޭގައި ހިނގި ދެބަސްވުމެއް ގައި އަސީލް ރުޅިއައިސްގެން ގާޑިޔަލުގައި އޮތް ކަތިވަޅިއަކުން ރިލްވާނަށް ހަމަލާ ދިން ކަމަށެވެ. އަދި އެ މާރާމާރީގައި ހައްސާން ވެސް ބައިވެރިވުމަށް ފަހު އަސީލް ސައިކަލަށް އަރުވައިގެން އޭނާ ފިލުވަން މަސައްކަތްކުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މިއަދުގެ ޝަރީޢަތަކަށް އަސީލް ހާޒިރެއް ނުވެ އެވެ.
ދައުލަތުން ކުރާ ދައުވާ އަށް އިންކާރު ކުރަމުން މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހައްސާން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ނުދާ ކަމަށެވެ. އަދި ޝަރީޢަތް ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށް ބުނުމުން އެ ފުރުސަތު ގާޒީ ވަނީ އޭނާ އަށް ދީފަ އެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ވެސް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ވީޑިއޯ މިއަދުގެ ޝަރީއަތަކު ނުދައްކަ އެވެ.
ހައްސާން ހަ ދުވަހަށް ގޭ ބަންދަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ޝަރީއަތް ނިމެންދެން އޭނާ ފުލުހުން ބޭނުންވާ ތަނެއްގައި ހައްޔަރުކޮށްފައި ބަހައްޓަން ބޭނުންވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ގާޒީ ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށާއި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހައްސާނު ވަނީ މީގެ ކުރިން ވެސް 13 ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ތިން މައްސަލައެއް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.