ސިއްހީ ދާއިރާއިން ސްޕެޝަލައިޒް އަދި ސުޕަރ ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ތިން ފަރާތަކަށް ސްކޯލާޝިޕު ދީފިއެވެ.

މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފަރާތްތަކާ ސްކޯލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލަކީ ރައްޔިތުންނަށް އޯގާތެރި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ލާމަސީލު ހޮސްޕިޓަލެއް ކަމަށެވެ.

"ހުރިހާ ގޮތަކުންވެސް ދަރިވަރުން، ނަރުހުން އެކަންޏެއް ނޫން، ޑޮކްޓަރުން އެކަންޏެއް ނޫން، ސްޕެޝަލިސްޓުން އެކަންޏެއް ނޫން، ހުރިހާ ފަރާތްތަކަކުން ތަފާތު ކަންކަން އޭޑީކޭއިން ދަސް ކުރެވެން އެބަ އޮތް،"ޑރ.އަލީ ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭޑީކޭގެ ކާމިޔާބު ތާރީހުން އެހެން ފަރާތްތަކަށްވެސް އިބުރަތް ހާސިލު ކުރެވޭނެ ހެން ފޮތެއް ޗާޕުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އޭގެ ސަބަބުން ރާއްޖޭގެ ތާރިހަށްވެސް އިލްމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެއްޗެއްގެ ގޮތުގައި ވެގެންދާނެ،" ޑރ.އަލީ ޝަމީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހި ބޭސްވެރިކަން ކޮންމެވެސް ވަރަކަށް ވަޅު ޖެހެމުން އަންނަ ކަމަށާއި، އެ ދާއިރާ ތަރައްގީ ކުރުމަށްވެސް އޭޑީކޭ ހޮސްޕިޓަލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިއްހީ ދާއިރާއިން ސްޕެޝަލައިޒް އަދި ސުޕަރ ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ހުޅުވާލި ސްކޯލާޝިޕު ތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭ ގުރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު ވިދާޅުވީ، ކޮންމެ ކުންފުންޏެއްގެވެސް އެންމެ ބޮޑު ރައުސްމާލަކީ އެތަނެއްގެހިއުމަން ކެޕިޓަލްކަމަށެވެ.

"ހިއުމަން ކެޕިޓަލް އަށް އިންވެސްޓު ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސް އެއް. އެގޮތުން އަޅުގަނޑުމެން ވޭތުވެދިޔަ ތާނގައި ވާނީ ވަރަށް ގިނަ ކަންތައްތަކަކަށް އިންވެސްޓު ކުރެވިފަ،" ނާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭޑީކޭގެ ހިއުމަން ރިލޭޝަން ސްޓްރަކްޗާ ދެމެހެއްޓުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިއަދު ކޮންމެ އަކަސް ފަސް ސްކޯލާޝިޕް މި އިއުލާނުކޮށްގެން ދިޔައީ...އަޅުގަނޑުމެންގެ ޓާގެޓަކީ ކޮންމެ އަހަރަކު ފަސް ސްކޯލާޝިޕަކަށް އިއުލާނުކޮށް އެއަށް ކުރިމަތިލާ ފަރާތްތަކަށް އޭޑީކޭ ފަރާތުން މީހުން ހޮވައި މީހުން ތަމްރީނު ކުރުން،" ނާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ހާއްސަކޮށްގެން ބައި ސްޓޭންޑާސް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިންގު ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ދިވެހިން އިތުރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"މިއަހަރު ފަސް ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ހުޅުވާލިން... ނާސިންގ ކިޔަވާދިނުމަށް ކަރިކިއުލަމް ތައްޔާރު ކުރަމުން އެބަ ގެންދަން،" އަފްއާލް ވިދާޅު ވިއެވެ.

އޭނާ ވިދާޅުވީ، ނަރުހުން ތަމްރީނު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި ސުކޫލް އޮފް ހެލްތު ސައިންސަސްގެ ނަމުގައި ފެކަލްޓީއެއް ރަޖިސްޓަރީ ކޮށްފައިވާނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަސް ދާއިރާ އަކުން ސްކޯލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް ކުރިމަތިލާފައިވަނީ ތިން ފަރާތަކުންނެވެ.

ސްކޯލާޝިޕުގެ ފުރުސަތު ހުޅުވާލި ދާއިރާ ތަކަކީ، ސްޕެޝަލައިޒޭޝަން އިން އިންޓާނަލް މެޑިސިން، އީއެންޓީ އަދި އޭގެ އިތުރުން ޖެނެރަލް ސާޖަރީ އެވެ.

އޭގެ ތެރެއިން ކުރިމަތިލާފައިވަނީ އީއެންޓީ އާއި ޖެނެރަލް ސާޖަރީ އަށެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަން އިން ޔޫރޯ ސާޖަރީ އާއި ގެސްޓްރޯއެންޓްރޮލޮޖީ އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލިއިރު، ކުރިމަތިލާފައިވަނީ ޔޫރޯ ސާޖަރީ ދާއިރާއިން އެކަންޏެވެ.