ފުލުހެއްގެ ގައިގައިބިޑިއަކުންޖެހި މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހ. ސަމާ ގްރީން، އިބްރާހީމް ޒަކަރިއްޔާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ 11:45 އެހައިކަންހާއިރު ދޫނިދޫގައި ފުލުހެއްގެ ގައިގައި ބިޑިއަކުން ޖަހާފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ގޮޅީގައި ޒަކަރިއްޔާ ހުއްޓައި އޭނާއަށް ފޯންކޯލް ދިނުމަށްފަހު ފުލުހުން އޭނާ ގޮޅިއަށް ވައްދަން އުޅުމުން ގޮޅިއަށް ނުވަންނަން ގަދަހެދުމަށްފަހު ޑިއުޓީގައި ހުރި ކޮންސްޓަބަލް ސުއާދު އަބްދުއްސަމަދުގެ ގައިގައި އޭނާގެ އަތުގައި އަޅުވާފައިވާ ބިޑިން ޖަހާފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އޭނާ އަށް އެ ހުކުމް އިއްވާފައި ވަނީ ފުލުހުންގެ ގާނޫނުގެ 73 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.