ގދ. ގައްދޫ ޕޮލިސް ސްޓޭޝަންތެރޭގައި ވަޅިއެއް ގެންގުޅުނު މީހަކު ދޮޅު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގދ. ގައްދޫ ނޫމަސް، މުހައްމަދު ފަލޫލްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މަގުބޫލު އުޒުރެއް ނެތި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހަތް އިންޗިހުރި ވަޅިއެއް ގައްދޫ ޕޮލިސްޓޭޝަންތެރޭގައި ގެންގުޅެފައިވާތީއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާ އަށް ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައީ ދައުލަތުގެ އިމާރާތެއްގެ ތެރޭގައި މަގުބޫލު ސަބަބެއް ނެތި ތޫނުއެއްޗެއް ގެންގުޅެފައިވާތީއެވެ.