މަގުބޫލު އުޒުރެއްނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލި މީހަކު 150 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މަގުބޫލު އުޒުރެއްނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމުގެ ސަބަބުން ޖޫރިމަނާގެ ހުކުމް އިއްވާފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 359 އަސަދުﷲ ވަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ދުވާލު 11:30 އެހައިކަންހާއިރު ހުޅުމާލޭ ފްލެޓެއްގެ ކޮންޓްރޯލް ރޫމެއްގެ ތެރޭގައި އިދެ ވަސީމް ރޮއްޓާއި ދަޅުމަސް ކައި މަގުބޫލު އުޒުރެއްނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ވަސީމް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.