27 Apr 2011, 14:48
ވައްކަމުގެ މައްސަލައައެއްގަ އާއި މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި، ޖަލުގައި ހުންނަން ޖެހޭ މީހަކު ވައްކަމުގެ އިތުރު މައްސަލައެއްގައި ފަޅާއެރުމުން ކޯޓަށް ހާޒިރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި އެކޯޓަށް ހާޒިރުކުރި، ގ. ދޮންބަގީޗާގެ އާދަމް ފިރުދައުސް އުޝްމާންގެ ބަންދުގެ މުއްދަތެއް ދިނުމަށް ފަހު ހުކުމް ތަންފީޒުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ.
އާދަމް ފިރުދައުސްއަކީ މީހެއްގެ ވޮލެޓެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ މީހެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެކޯޓުން އެނާގެ ރެކޯޑުތައް އިތުރަށް ބެލިބެލުމުން އެމީހާއަކީ ވައްކަމުގެ މައްސަލައެއްގައި 2001 ވަނަ އަހަރު ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށްފައިވާ މީހެއް ކަމަށާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި 2005 ވަނަ އަހަރު، ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގައި 2006 ވަނަ އަހަރު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެއް ކަމަށް ރިކޯޑްތަކުން ދައްކާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ދިގު މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، ތަންފީޒު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ މީހުން ފަހަކަށް އައިސް ތަފާތު ކުށްކުށުގައި ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަމުންދާ ކަމަށާއި އެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް ކޯޓުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ޑީޕީއާރުއެސްގެ ބަހެއް އަދި ވަނީ ނުލިބިފަ އެވެ. ނަމަވެސް އެފަދަ ބައެއް މީހުންނަކީ ބޭސްފަރުވާ އަށް މާލެ ގެންނަ މީހުން ކަމަށް ޑީޕީއާރުއެސް އިން ކުރިން ވަނީ ބުނެފަ އެވެ.