15 Mar 2016, 16:25
ހދ. ހަނިމާދޫ ސްކޫލްގެއާ އިމާރާތުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް އައިލޭންޑް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ހޯލް އިމާރާތްކުރުމަށް 4.2 މިލިޔަން ރުފިޔާ އަށް އެ ކުންފުންޏާ ހަވާލުކުރީ އެކަމަށް ޓަކައި މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް އަލީ އެވެ. އަދި އައިލޭންޑް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަދީޖާ އުމައިލާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ، އެ ކުންފުންޏާއި މަސައްކަތް ހަވާލުކުރީ ބިން ހަވާލުކުރާ ދުވަހުން ފެށިގެން 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު އުއްމީދުކުރަނީ މި އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ސްކޫލަށް އިތުރުކުރާ މަލްޓި ޕާޕޯސް ހޯލަކީ ޕީއެސްއައިޕީގެ ދަށުން އިމާރާތްކުރާ ހޯލެކެވެ.
ހަނިމާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލުގައި 24 ކްލާސްރޫމްގެ އިމާރާތެއް އަޅައި ނިމި މި އަހަރުގެ ދިރާސީއާ އަހަރާ އެކު ވަނީ ބޭނުން ކުރަން ފަށާނެ އެވެ.
އެ ސްކޫލުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވަދޭ އިރު، ޖުމްލަ 465 ދަރިވަރުން ސްކޫލްގައި ތައުލީމު ހާސިލު ކުރަމުންދެ އެވެ.