15 Mar 2016, 16:12
ދުބާއީ (މާޗް 15): ދުބާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ޑްރޯން ޕްރީއިން 15 އަހަރުގެ އިނގިރޭސި ކުއްޖަކު އިސްވެ ހުރި ޓީމަކުން 250،000 ޑޮލަރު ކާމިޔާބުކޮށްފި އެވެ.
ދެ ދުވަހަށް ދެމިގެން ދިޔަ ޑްރޯން ރޭސް ލޫކް ބެނިސްޓާ ކާމިޔާބު ކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޭހުގައި ވާދަ ކުރަން ދިޔަ 100 ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ގަލްފް ނިއުސްގައިވާ ގޮތުން ބެނިސްޓާއަކީ ރޭހުގެ ފައިނަލަށް ދިޔަ އެންމެ ކުޑަ ކުއްޖާ އެވެ.
ޑްރޯން ޕްރީ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރޯން ރޭސިން މުބާރާތެވެ. އެއް ވަނަ އަށް ދިޔަ ޓީމަށް ދިން 250،000 ޑޮލަރާ އެކު މުޅި މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ދިން އިނާމުތަކުގެ އަގު އެއް މިލިއަން ޑޮލަރަށް އަރަ އެވެ.
ޑްރޯން ރޭސިންއަކީ ޔޫއޭއީގެ "ވޯލްޑް ފިއުޗާ ސްޕޯޓްސް ގޭމްސް"ގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ. މިއަންނަ އަހަރުގެ ޑިސެމްބަރު މަހު އޮންނަ ގޭމްސްގައި ރޮބޮޓުންގެ ފެތުމާއި ދުވުމާއި ކާރު ރޭސްކުރުމާއި ރެސްލިން ހިިމެނޭނެ އެވެ. (އޭޕީ)