15 Mar 2016, 16:45
އިސްލާމިކް މިނިސްޓަރަކީ ސިޔާސީ ފިކުރުގައި މަސައްކަތް ކުރައްވަން ހުންނަވަން ޖެހޭނެ ބޭފުޅެއް ނޫން ކަމަށާއި ދީނީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތަކުން އެންމެހާ އިލްމުވެރިންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށް މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ ހަމަ އެކަނި މެމްބަރު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް އުފެއްދުމަށް ފާސްކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ހުންނަވަނީ ވަރަށް ބޮޑަށް ޕާޓީ ކުލަ ޖެހިފައި ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރަކީ ސިޔާސީ ފިކުރުގައި މަސައްކަތް ކުރައްވަން ހުންނަވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އަސްލު އިސްލާމިކް މިނިސްޓަރު ވެސް ވަރަށް ބޮޑަށް ޕާޓީ ކުލަ ޖެހިވަޑައިގެން ހުންނަވާ ތަން،" އަނާރާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ މިހާރު ދީނީ ޕްރޮގްރާމުތަކުން އެކަމަނާ އަށް ފުރުސަތު ނުލިބޭ ކަމަށާއި ކުރިން ހަމަޖެހިފައި އޮތް ޕްރޮގްރާމްތައް ވެސް މިހާރު ނަގާފައިވާ ކަމަށެވެ. ދީނީ ޕްރޮގްރާމްތަކުގައި ސިޔާސީ ވާހަކަ ނުދައްކަވާ ކަމަށާއި އެ ޕްރޮގްރާމްތަކުގައި ދައްކަވަނީ ދީނީ ވާހަކަ ކަމަށް އަނާރާ ވިދާޅުވި އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެެވެ.
އެ މަޖިލިސް އެކުލަވާލައްވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި އިސްލާމިކް ޔުނިވާސިޓީގެ މަޖިލީހުގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުން ހިމެނޭ ގޮތަށެވެ.
އަނާރާ ވިދާޅުވީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިީހުގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ އިން މެމްބަރެއް އަދި ރައީސް އައްޔަން ކުރައްވާ އެއް މެމްބަރަކު ހިމެނޭ ގޮތަށް ބިލަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.