ހަރުކަށި ވިސްނުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމިކް ސްޓޭޓް ( އައިއެސް) ގެ ތަމްރީނު ކޭމްޕްތަކުގައި ތަމްރީނުވެގެން އެނބުރި އަތުވެދާނެ މީހުން ކަމަށް ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނަސީރު ވިދާޅުވި ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އައިއެސްއަށް ރާއްޖޭން މީހުން ރެކްރޫޓް ކުރުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އައިއެސްގެ ތަމްރީނު ކޭމްޕްތަކުގައި ތަމްރީނުވެގެން ހަތިޔާރު ބޭނުންކުރަން ދަސްކޮށްގެން އަނބުރައި އަތުވެދާނެ މީހުން،" ނަސީރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ނަމަވެސް އައިއެސްއާ ގުޅުމަށް ރާއްޖޭން 200 މީހުން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން ނަސީރު ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ އައިއެސްއާ ގުޅުނު ކަމަށް ބެލެވެނީ 40 މީހުން ކަމަށެވެ.

ހަރުކަށި ވިސްނުމާއި ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އެކު ރާއްޖޭން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެކަމުގައި އެ ދެގައުމުގެ އިތުރުން ވެސް ބައެއް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެން މި އަންނަނީ މަސައްކަތް ކުރަމުން އަވަށްޓެރިން ކަމަށްވާ ސްރީލަންކާ އަދި އިންޑިއާއާއި އެކު، ހާއްސަކޮށް އިންޑިއާއާއި އެކު. މިކަމުގައި އަހަރެމެން ވަރަށް ގާތުން މަސައްކަތް އެބަކުރަން ޔޫކޭ އާއި ޔޫއެސްއޭއާއި އެކުގައި ވެސް. އަދި އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތުރުކީ ހިމެނޭ ގޮތުން އެހެން ބައެއް ގައުމުތަކާއި އެކުގައި ވެސް. އަހަރެމެންގެ ފުލުހުންނާއި އިންޓެލިޖެންސް އެމީހުންނާ އެކު މަސައްކަތް ކުރޭ،" ނަސީރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ދެގައުމުން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާނެ ނިޒާމެއް ގާއިމްކުރުމަށް އިންޑިއާއާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ނަސީރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖަޔަޝަންކަރާ ވަނީ ބައްދަލުކުރައްވާފައެވެ.