15 Mar 2016, 15:36
ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް މަޖިލީހުން ފާސްކޮށްފައިވާ ބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި އިސްލާމިކް މިނިސްޓްރީ އަދި ފިޤުހު އެކަޑެމީ ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ފިޤުހު އެކަޑެމީ އިޖުތިމާއީ ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ބިލު ކުރިއަށް ގެންދާނެ ގޮތަކާއި ބިލު ކުރިއަށް ގެންދިއުމަށް ހާޒިރު ކުރާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ވަނީ ފުރުސަތު ދީފަ އެވެ. ބައެއް މެމްބަރުން، ބިލާ ގުޅިގެން އެއްވެސް ފަރާތެއް ހާޒިރު ކުރަން ނުފެންނަ ކަމުގައި ވިދާޅުވި ނަމަވެސް، ބައެއް މެމްބަރުން ވަނީ ބިލުގައި އިހުތިސޯސް ލިބޭ ފަރާތްތައް ކަމުގައިވާ އިސްލާމިކް މިނިސްޓްރީ އަދި ފިގުހު އެކެޑަމީ ކޮމިޓީ އަށް ހާޒިރު ކުރުމަށް ތާއީދު ކުރައްވައިފަ އެވެ.
ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، ބިލުގައި މެމްބަރުންނަށް ނޭނގޭ ކަންތައްތަކެއް ހުރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ބިލު އެކުލަވާލުމުގައި އުޅުއްވި ފަރާތްތައް ހާޒިރުކޮށް އެކަންކަން ސާފު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މެމްބަރު ވިދާޅުވި އެވެ.
"މިއީ އެއްވެސް ހާލެއްގައި ސިޔާސީ ކުރެވޭނެ ކަމެއް ނޫން. މިއީ އެކަމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމެއް. އަދި ގެއްލުން ވެސް އަންނާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޒިންމާއެއް މިއޮތީ. ފިގުހު އެކަޑެމީ އާއި އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކާލުން ރަނގަޅު،" ޖަމީލް އުސްމާން ވިދާޅުވި އެވެ.
އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގާނޫނަށް ހުށަހެޅި އެ ބިލުވީ އެންމެ އަވަހަކަށް ކޮމެޓީ އިން ފާސްކޮށް ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އޭޕްރީލް މަހުގެ 27 ވަނަ ދުވަހަކީ ބިލުގެ މަސައްކަތް ކޮމިޓީ އިން ނިންމާ ސުން ގަޑި ކަމުގައި ކަނޑައަޅައިވީ އެންމެ އަވަހަކަށް ބިލުގެ މަސައްކަތް ނިންމާލުމަށް ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެެވެ.
އެ މަޖިލިސް އެކުލަވާލައްވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި އިސްލާމިކް ޔުނިވާސިޓީގެ މަޖިލީހުގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުން ހިމެނޭ ގޮތަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން ހޮވާ ގޮތް ބަދަލު ކުރުމަށް މިއަދުގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީގެ މަޖިލީހުގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ދެ މެމްބަރަކު އައްޔަން ކުރާ ގޮތަަށް ބިލުގައި ބުނެފައިވާ މާއްދާ، އިސްލާމިކް ޔުނިވާސިޓީގެ މެމްބަރަކާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މެމްބަރަކާ އަދި ރައީސް އައްޔަން ކުރައްވާ އެއް މެމްބަރަކު ހަމަޖައްސާ ގޮތަށް އަނާރާ ވަނީ ހުށަހަޅުއްވާފަ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ މެމްބަރުން އައްޔަން ކުރާ ގޮތާ މެދު މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް މެމްބަރުން އައްޔަން ކުރާއިރު މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ބިލަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އޭރުން ޑަބަލް ޗެކު ކުރެވިގެން މަޖިލީހުން އެމީހަކު ހޮވާ ގޮތަށް. މިނިވަން މުއައްސަސާތަކަށް މެމްބަރުން ހޮވާގޮތަށް ހެދިއްޖެއްޔާ ވަރަށް ރަނގަޅު ވާނެ،" އަސްމާ ވިދާޅުވި އެވެ.
އަސްމާ އަދި އަނާރާގެ ހުށަހެޅުމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ ތާއީދު ކުރައްވައިފަ އެވެ. ފައިސަލް ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ގައުމަށް މިހަރު ދިމާވެފައިވާ ކަންކަން ހައްލު ކުރުމަށާއި މުސްތަގުބަލަށް މުހިންމު ކަމަކަށްވީ އިރު، އެކަން އެންމެ ރަނގަޅަށް ނިންމަން ޖެހޭނެ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ވެސް މަޖިލީހުގައި ވެސް އެ ބިލަށް ވޯތު ނުދެއްވާނެ ކަމަށެވެ.
"މިއީ ބޮޑު ސިޔާސީ ކޮމްޕޯނަންޓެއް. މިއީ ދީނީ ފަތުވާތައް ސިޔާސީ ކުރުމަށް ކުރާ ކަމެއް،" މެމްބަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ފަތުވާދޭ މަތީ މަޖިލިސް ވެގެންދާނީ ދީނުގެ ކުލަޖައްސައިގެން ސިޔާސީ ސްޓޭޓްމަންޓުތަކެއް ނެރޭ ތަނަކަށް ކަމަށެވެ.