15 Mar 2016, 13:56
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2ގައިވާ ގަވާއިދުތަކުގެ ތެރެއިން 41 ގަވާއިދަކަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އޭޕްރީލްގެ ނިޔަލަށް އިތުރުކުރީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.
ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު މީގެ ކުރިން ވެސް އިތުރުކޮށްފައިވާ އިރު، މުއްދަތު އިތުރު ކުރަން ޖެހެނީ އެ ގަވާއިދުތައް މަޖިލީހުގެ ކޮމެޓީން ނެހެދި ހުރުމުންނެވެ.
ކޮމެޓީގެ ރިޕޯޓަށް އެ ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ އިރު، ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ބަހުސް ކުރެއްވީ ވެސް މަދު މެމްބަރުންތަކެކެވެ.
އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަހު 1 އަދި 2ގައި ބުނާ ގަވާއިދުތަކަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ބައެއް ހައްގުތާ ގުޅުން ހުރި ގަވާއިދުތަކެކެވެ. އެ ގަވާއިދުތަކަކީ އަދުލު އިންސާފު ގާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އިގްތިސާދީ އިޖުތިމާއީ އަދި ތައުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދު ވެސް ހިމެނެ އެވެ.