15 Mar 2016, 13:47
ށ. ފޯކައިދޫ އިން ކަންނެއްޔަށް ނުކުމެ އުޅުނު ދޯންޏަކުން 60 ކިލޯގެ "މާވަހަރެއް" ހޮވައިފި އެވެ.
މާވަހަރު ހޮވި "މާކަރީ" ދޯނީގެ ކެޔޮޅު އަލީ ހުސައިން "ސަން"އަށް ބުނީ، 60 ކިލޯ ހުންނާނެ ކަމަށް ބެލެވޭ ހުދު ކުލައިގެ މާވަހަރު ހޮވާފައި ވަނީ ށ. ފީވަކާ 30 މޭލު ބޭރުން ކަމަށެވެ.
"ދުރުމި އަޅަން ހުރި ކުއްޖަކަށް މާވަހަރު ފެނުނީ...ފީވަކު އުތުރު ބޭރުން 30 މޭލު ބޭރުން،" އަލީ ހުސައިން ބުންޏެވެ.
އޭނާ ބުނީ، މީގެ ތިން ދުވަސް ކުރިން ފެނުނު އެ އެއްޗަކީ މާވަހަރެއް ތޯ ޔަގީން ކުރުމަށް މާލެ ގެނެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަސްތެރޭގައި އެ އަތޮޅު ކޮމަންޑޫ އިންވެސް ވަނީ 30 ކިލޯގެ މާވަހަރެއް ހޮވާފައެވެ. އެރަށުން ވަދާ އަޅަން ނުކުމެ އުޅުނު މީހަކަށް ފެނުނު އެ މާވަހަރު ވަނީ 11.4 މިލިއަން ރުފިޔާ އަށް ވިއްކާލާފައެވެ.
މިދިޔަ ހަފުތާ ތެރޭގައި ވެސް ފޮއްދޫ އަންހެނަކު ވަނީ އެ ރަށު ގޮނޑުދޮށުން 10 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ.