ހއ. އިހަވަންދޫ ހޮސްޕިޓަލުގެ ނަރުހަކު ކުޑަކުދިންނާއި އަންހެނުންނާ އެކު ބަދުއަޚްލާގީ ޢަމަލު ހިންގާފައިވާ މަންޒަރު ފެންނަ ކަމަށް ބުނާ ބަރަހަނާ ވީޑިއޯ ތަކެއްގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ވީޑިއޯތަކެއްގެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އިހަވަންދޫން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އިހަވަންދޫ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެކެވެ. އެ މައުލޫމާތު ސަންއަށް ދިން ފަރާތުން ބުނީ ލީކް ވެފައިވާ ވީޑިއޯތަކާ ފޮޓޯތަކުގައި ނަރުސް އަންހެން ކުއްޖާ ކުޑަކުދިންނާއި އަންހެނުންނާއެކު ބަދުއަޚްލާގީ ޢަމަލުތައް ހިންގާ މަންޒަރު ފެންނަ ކަމަށެވެ.

ކުޑަކުދިންނާއެކު ބަދުއަޚްލާގީ ޢަމަލު ހިންގާފައިވާ ކަމަށް ބުނާ މި މައްސަލައިގައި އަންހެން ނަރުހަކު ފުލުހުން ހައްޔަރު ކުރިއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އުމުރާއި ޖިންސަކަށް ނުބަލާ ކަމަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި ވަރަށް ދަށްފެންވަރުގެ އަމަލުތައް ހިންގާ އަންހެނުންގެ މައްސަލަތައް ވެސް ފުލުހުންނަށް ރިޕޯޓްކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގިނަ އަނދަދެއްގެ ކުޑަކުދިންތަކަކާއެކު ގަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާގައި މީގެ ކުރިން ވެސް ވަނީ މީހެއްގެ މައްޗަށް ދަޢުވާ ކޮށް ޝަރީއަތް ހިންގާފަ އެވެ. އެ ފަހަރު ގ. ވޭރުގޭ ހުސެއިން ފަޒީލުގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ 39 އެތިފަހަރުން ތައުޒީރުކޮށް ހަ އަހަރަށް ޖަލަށް ލި އެވެ.