15 Mar 2016, 13:19
ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ "ނައިޓު މާކެޓް" މިއަހަރު ކުރިއަށް ގެންދާނީ މޯލްޑިވްސް މިއުޒިކަލް އެންޑު އާޓްސް ސެންޓަރު (އެމްއެމްއޭސީ)ން ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފި އެވެ.
މިއަހަރުގެ ނައިޓު މާކެޓު ހިންގުމުގެ ހުރިހާ ކަމެއް އެމްއެމްސީއޭއާ ހަވާލު ކުރިކަމުގެ އެއްބަސްވުމުގައި ވިޔަފާރިވެރިން ޖަމިއްޔާގެ ފަރާތުން ސޮއިކުރީ އެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމު އެވެ. އަދި އެމްއެމްއޭސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ސެންޓަރުގެ ޗެއާމަން އަލީ އަބްދުލް ކަރީމް (ރުކުމާ) އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ މި އަހަރުގެ ނައިޓު މާކެޓު ކުރިއަށް ދާނީ އެހެން އަހަރުތަކަށް ވުރެ ޖާގައިގެ ގޮތުން މާ ބޮޑު ސަރަހައްދެއްގައި ނޫން ކަމަށާއި އެހެން ކަމުން ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މިއަހަރުގެ ނައިޓު މާކެޓު އެއް މަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އޭގެތެރެއިން ވެސް ފަނަރަ ދުވަހަށް މޭޒެއް ނަގަން ބޭނުންވާ ފަރާތަކުން ފަނަރަ ދުވަހަށް މޭޒެއް ނެގުމަށްފަހު އެ މޭޒު ދޫކޮށްލެވޭނެ ކަމަށެވެ. އަދި ފަހުން އެ މޭޒު އެހެން ފަރާތަކަށް ވެސް ނެގޭނެ ކަމަށެވެ.
ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަހަރުގެ ނައިޓު މާކެޓު އެމްއެމްއޭސީއާ ހަވާލު ކުރަން ޖެހުނީ އާއްމުކޮށް ނައިޓު މާކެޓު ބާއްވަމުން އަންނަ ސަރަހައްދު ބުރިޖު އެޅުމުގެ މަސައްކަތަށް ބަންދުކޮށްފައި އޮތުމުން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް ދެން އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފާހަގަކުރެވުނީ ކާނިވާ ސަރަހައްދު ކަމަށާއި ނަމަވެސް ކާނިވާ ސަރަހައްދުގެ ބޮޑު ބައެއް އެމްއެމްއޭސީ އަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.

"ނައިޓު މާކެޓް" މިއަހަރު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި އެމްއެމްއޭސީއާ ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެއްބަސްވުން ބަދަލުކުރަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު
"އެ ސަރަހައްދުގެ ބޮޑުބައެއް މާކުރިންވެސް މިބޭފުޅުން {އެމްއެމްއޭސީ} ވަނީ ނަންގަވާފައި. އެހެންވެ މިފަހަރު އަޅުގަނޑުމެން އަލަށް ނައިޓު މާކެޓު ބޭއްވުމުގެ ހުރިހާ ކަމެއް ބަޔަކާ މި ހަވާލުކުރަނީ. ދެން މި ދެންނެވިހެން މިބޭފުޅުންނަކީ ކާނިވާގެ ބޮޑުބައެއް ނަގާފައިވާ ފަރާތަކީ. ދެން ނައިޓު މާކެޓަކީ މި އަހަރުވެސް ބާއްވަމުން އަންނަ އެއްޗަކަށް ވާތީވެ، މި އަހަރުވެސް ވަރަށް ގިނަ ބޭފުޅުން އެކަންތަކަށް ލުކް ފޯވާޑު ކުރައްވަމުން ގެންދަވާތީ އަޅުގަނޑުމެން {ވިޔަފާރިވެރިންގެ ޖަމިއްޔާ} ބޭއްވުމުގެ ގޮތުން މިއަހަރުވެސް މި ބާއްވަނީ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ބޭއްވުމުގެ ސަބަބުން މާލޭގެ މަގުތައް ބަންދުކޮށްގެން މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކަށް ވެސް އެއްވެސް ފަރާތަކަށް ދަތިތަކެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.
އެމްއެމްއޭސީގެ ޗެއާމަން ރުކުމާ ވިދާޅުވީ މީގެކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހުރިހާ ކަމެއް ވެސް ކުރަމުން އައީ ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިފަހަރު އެމްއެމްއޭސީއަކީ އަމިއްލަ ފަރާތެއް ކަމުން އެ ފަރާތުން ނައިޓު މާކެޓުގެ ސްޓޯލުތަކަށް ކަރަންޓު ދިނުމާއި އެ ސަރަހައްދަށް އެޅިފައިވާ ކުނި ނެގުމުގެ މަސައްކަތް ވެސް ކުރަންޖެހޭނެ ކަމަށެވެ.
"ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ އެއްވެސް ފީއެއް ނުނަގާ ދެއްތޯ ކަރަންޓާއި ކުނީގެ ކަންކަމަށް. އެބޭފުޅުން އަމިއްލަ އަށް ގަވަރުމަންޓާ ގުޅިގެން އެކަންކަން ކުރިއަށް ގެންދަނީ. އެކަމަކު އަޅުގަނޑުމެންނަކީ އެތަން {ކާނިވާ ސަރަހައްދު} ކުއްޔަށް ނަގައިގެން އުޅޭ މީހުން. ކަމެއް ކުރިއަސް ނުކުރިއަސް ކުލި ދައްކަން ޖެހޭ. އެހެންވީމަ މޭޒެއް ނަގަން ދޭ އަގަށް ވެސް ބަދަލެއް އަންނާނެ،" ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ މިފަހަރު އެއްމަސް ދުވަހަށް ނައިޓު މާކެޓު ކުރިއަށް ގެންދަން ބޭނުންވާ ފަރާތަކަށް މޭޒެއް ދޫކުރާނީ 15000 ރުފިޔާއަށް ކަމަށެވެ. ނަމަވެސް 15 ދުވަހަށް މޭޒެއް ނަގާ ފަރާތަކަށް މޭޒެއް ދޫކުރާނީ 7500 ރުފިޔާ އަށް ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.