އޭއެފްސީ ކަޕްގައި މާދަމާ ހޮންކޮންގެ ސައުތު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތުގައި ކުރިއަށް ދާން ބަލާއިރު މޮޅުވާން މަޖުބޫރު މެޗެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގުރޫޕް "ޖީ"ގައި އެއް ޕޮއިންޓާއެކު މާޒިޔާ ތިން ވަނާގައި އޮތް އިރު ސައުތު ޗައިނާ ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގަ އެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އިންޑިއާގެ މޯހަން ބަގާން އަތުން ބޮޑު ތަފާތަކުން ބަލިވެފައިވާ އިރު ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ޔޮންގޮން ޔުނައިޓެޑާ އެއް ވަރުކޮށްފަ އެވެ.

"އެ މެޗުން ތިން ޕޮއިންޓް ނުލެބެއްޖެ ނަމަ ކުރިއަށް ދިއުމުގެ ދޮރި މުޅިން ބަންދުވީ. ނޮކުއައުޓް މެޗެއް ގޮތަށް ދެކިގެން މާދަމާގެ މެޗަށް ނުކުންނާނީ. އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗު ހޯދިއްޖެ ނަމަ ދެ ވަނަ ބުރައް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު،" ސުޒޭން ބުންޏެވެ.

ވަރުގަދަ ސްކޮޑަކާއެކު މިއަހަރުގެ ސީޒަނަށް މާޒިޔާ ނިކުމެފައިވާ އިރު ސުޒޭން ބުނީ ކުރިން ދެ މެޗާ އަޅާބަލާއިރު މާދަމާގެ މެޗަށް ނިކުންނައިރު މާޒިޔާގެ ސްކޮޑް ވަރުގަދަވާނެ ކަމަށާއި ކެޕްޓަން އަސަދުﷲ އަބްދުﷲ އަނިޔާއިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގެ ފަހު ވަގުތު ކޮޅު ކުޅެންއެރި އަސްއަދު އަލީ މާދަމާގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.

"މިވަގުތު އަނިޔާގައި ހުރީ އުމައިރު އެކަނި. އަސައްކޮ މާދަމާގެ މެޗެއް އަރާނެތޯ ނިންމާނީ މިއަދު ހަވީރުގެ ތަމްރީން ތަކަށް ފަހު. މުޅި ޓީމް މިވަނީ މާދަމާގެ މެޗެއް ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ސުޒޭން ބުންޏެވެ.

މީގެ ކުރިން ވެސް އޭއެފްސީ ކަޕްގައި ރާއްޖޭގެ ދަނޑުގައި ސައުތު ޗައިނާ ކުޅެފައިވާ އިރު ސުޒޭން ބުނީ ކުރިއާ އަޅާ ބަލާއިރު މިހާރު އެ ޓީމް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމުން އެކަން ދޭހަވާ ކަމަށެވެ.

އޭއެފްސީ ކަޕުގައި މި ދެ ޓީމު ބައްދަލުކުރާ އެ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ރަސްމީ ބޯޅަ ދަނޑުގަ އެވެ.