މީރުބަހުރު ބަނދަރު ސަރަހައްދުގައި ނުގެންދެވި ގިނަ ދުވަސްވެފައި ހުރި މުދާތައް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

ޕޯޓްސް ލިމިޓެޑުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދާތައް ދައްކާލުން މި މަހުގެ 26 ވަނަ ދުވަހު ހެނދުނު 09:30 އިން 11:30 އޮންނާނެ ކަމަށެވެ.

ހަމައެއާ އެކު، މުދާތައް ނީލަން ކިޔުން މި މަހުގެ 27 ވަނަ ދުވަހު ހަވީރު 04:00ގައި އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހަމަ އެ ދުވަހުގެ މެންދުރު 02:30ގެ ކުރިން އެ ކުންފުނީގެ ކާގޯ ކުލިއަރެންސް ޑިޕާޓުމަންޓުގައި ނަން ނޯޓު ކުރުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނާ ގޮތުން، ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކަން ޖެހޭނީ މުދާ ނީލަމުން ނެގި ފަރާތުންނެވެ. އަދި މުދާ ކުލިއާ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުން އެ ކުންފުނިން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.