15 Mar 2016, 11:16
ފާއިތުވި އަހަރުތަކުގެ ތެރޭގައި ދުނިޔެ ހޫނު ނުވާ މިންވަރަށް މިދިޔަ މަހު ދުނިޔެ ހޫނުވި ކަމަށް ނާސާ އިން ބުނެފި އެވެ.
ނާސާ އިން އާއްމުކުރި މައުލޫމާތުން ދެއްކި ގޮތުގައި ފެބްރުއަރީ މަހު ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން ވަނީ، 1951 އިން 1980ގެ ފެބްރުއަރީ މަސްތަކުގައި ދުނިޔެ ހޫނުވި މިންވަރުގެ އެވަރެޖާ އަޅާބަލާ އިރު 1.35 ޑިގްރީ ސެލްޝިއަސް މަތިވެފަ އެވެ.
މީގެ ކުރިން ރިކޯޑު މިންވަރަކަށް ދުނިޔެ ހޫނުވީ މި އަހަރަގު ޖެނުއަރީ މަހު އެވެ. ޖެނުއަރީ މަހު ދުނިޔެ ހޫނުވީ 1951 އިން 1980ގެ ފެބްރުއަރީ މަސްތަކުގައި ދުނިޔެ ހޫނުވީ މިންވަރުގެ އެވަރެޖާ އަޅާ ބަލާ އިރު 1.14 ޑިގްރީ ސެލްޝިއަސްއަށެވެ.
ސައިންސުވެރިން ބުނާ ގޮތުގައި ދުނިޔޭގެ ހޫނުމިނަށް އެހާވަރަށް ބޮޑު ބަދަލެއް އައީ މިދިޔަ އަހަރުގެ އެލް ނީނޯ އާދަޔާ ހިލާފަށް ވަރުގަދަވުމުގެ ސަބަބުންނާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ. އެލް ނީނޯއަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެކެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ފެބްރުއަރީ މަހުގެ ހޫނުމިނަކީ 1880ގެ އަހަރުތަކުގައި ދުނިޔޭގެ ހޫނުމިން ރިކޯޑު ކުރަން ފެށިފަހުން ހޫނު މިން އެހާވަރަށް މައްޗަށް އެރި ފުރަތަމަ ފަހަރެވެ.
"އަޅުގަނޑު އާއްމުކޮށް ވަކި މަހަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަން. ނަމަވެސް، މިދިޔަ މަސް ހާއްސަ،" ނާސާގެ ގޮޑަޑް އިންސްޓިޓިއުޓް ފޯ ސްޕޭސް ސްޓަޑީސްގެ ޑިރެކްޓާ ގެވިން ޝްމިޓް ވިދާޅުވި އެވެ.
މީގެ ކުރިން އެންމެ ހޫނު ފެބްރުއަރީ މަހުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. އެ އަހަރަކީ ވެސް މިދިޔަ އަހަރުގެ އެލް ނީނޯއާ ގާތްގަނޑަކަށް އެއްވަރު އެލް ނީނޯއެއް ދުނިޔެއިން ތަޖުރިބާ ކުރި އަހަރެކެވެ. ނަމަވެސް، އިންސާނުންގެ ސަބަބުން ދުނިޔެ ހޫނުވެފައިވާ މިންވަރު އެނގިގެންދަނީ 1998 އާ އަޅާ ބަލާއިރު މިހާރު ދުނިޔޭގެ ހޫނުމިން 0.846 ޑިގްރީ ސެލްޝިއަސް އިތުރުވެފައި ހުރުމުންނެވެ. (ޕީޓީއައި)