އަލިގަދަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފަލަ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިސްރާއިލްގެ ހައިފާ ޔުނިވާސިޓީ އިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި އަލިކަމެއް ނެތް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ، އަލިކަން ލިބޭ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފަލަ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާ ކުރި ޓީމުން އެ ނިންމުން ނިންމާފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކާއި، އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުންގެ އާބާދީ ބެހިފައިވާ ގޮތް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެއްކޮށްފައިވާ މައުލޫމާތު އަޅާކިޔުމަށް ފަހުގަ އެވެ.

ހައިފާ ޔުނިވާސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ އެންއޭ ރިބްނިކޯވާ ބުނީ، ރޭގަނޑުގެ ވަގުތުތަކުގައި އަލިކަން ލިބޭ މީހުން މާ ބޮޑަށް ކާހިތްވާ ކަމަށެވެ.

"ރޭގަނޑު ވެސް އަލިކަން ލިބޭތީ، ގިނައިން ކާހިތްވޭ. ރޭގަނޑަކީ އާއްމުކޮށް ކާނާ ހަޖަމު ވުން ލަސް ވަގުތެއް.،" ރިބްނިކޯވާ ބުންޏެވެ.

އެ ދިރާސާ ޓީމުން ބުނީ، ބޮކީގެ އައްޔަކީ ފަލަވުމަށް މެދުވެރިވާ އެއްޗެއް ނޫން ކަމަށެވެ. އަދި ޓީވީ ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކު ޑިވައިސްތަގެ އަލިކަމުން މީހުންގެ ބަރުދަނަށް ބަދަލު އަންނަ "ސީދާ" ސަބަބު ދެނެގަނެވިފައި ނުވާ ކަމަށާއި އެކަން ވެސް ދެނެގަންނަން ޖެހޭ ކަމަށް އެ ދިރާސާ ޓީމުން ބުނެ އެވެ.

ބެލެވޭ ގޮތުގައި އެފަދަ ޑިވައިސްތަކުގެ އަލިން، ހަށިގަނޑުގައި އުފައްދާ މެލަޓަނިން ހޯމޯން އުފައްދާ މިންވަރު މަދުކޮށްދެ އެވެ. މެލަޓަނިން އަކީ ނިދި ރެގިއުލޭޓު ކުރުމާއި ބަރުދަނާ ގުޅިފައިވާ ހޯމޯން އެކެވެ.

މައުލޫމާތު: ހައުޓު ފައިޓު އޮބެސިޓީ.ކޮމް