އޭއެފްސީ ކަޕްގައި މިއަދު ހޮންކޮންގެ ކިޗީއާ ދެކޮޅަށް ނިކުންނާނީ އެ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދުމަށް ކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.

ނިއު ހިމެނޭ ގްރޫޕް އެފްގައި އެއް ޕޮއިންޓާ އެކު ފުލުގައި އޮތް އިރު އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ދެ ވަނަ މެޗުގައި ރަށުން ބޭރުގައި މިދިޔަ ބުދަ ދުވަހު ބަލިވީ 0-1ގެ ނަތީޖާ އަކުން ފިލިޕީންސްގެ ކަޔާ އެފްސީ އަތުންނެވެ.

ސްޓޮއިކޯފް ބުނީ ގުރޫޕްގެ ފުލުގައި އޮތް ނަމަވެސް މިއަދުގެ މެޗަށް ނިކުންނާނީ އަކަން ބަދަލު ކުރަން ކަމަށާއި ދިގު ދަތުރެއްކޮށްފައި ހޮންކަން އަށް އައި ނަމަވެސް މިހާރު ޓީމް ހަމަޔަކަށް އެޅިފައިވާ ކަމަށެވެ.

"އަހަރެން މިނިކުންނަނީ ވަރަށް އާ ޓީމެއް ގޮވައިގެން. މެޗަކަށް ފަހު މެޗެއް އެބަ ފެނޭ މި ޓީމްގެ ކުރިއެރުން. ހުރިހާ ވެސް ވިސްނިމެއް ހުރީ މެޗު ކާމިޔާބު ކުރުމަށް،" ސްޓޮއިކޯފް ބުންޏެވެ.

ނިއުއާ ދެކޮޅަށް މިއަދު ނިކުންނަ ކިޗީ އޮތީ ތިން ޕޮއިންޓާ އެކު ގުރޫޕްގެ ތިން ވަނާގަ އެވެ. އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ކަޔާ އެފްސީ އަތުން 1-0ގެ ނަތީޖާ އަކުން މޮޅުވެފައިވާ އިރު ދެ ވަނެ މެޗުގައި 1-0ގެ ނަތީޖާ އިން ވަނީ ބެލެސްޓިއާ އަތުން ބަލިވެފަ އެވެ.

އެ ޓީމް މިއަދުގެ މެޗެއް ނިކުންނަ އިރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ގައުމުގެ ލީގްގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ވާދަވެރި މެޗުތަކެއް ކުޅެން ލިބިފައިވުމެވެ. ނަމަވެސް ރާއްޖޭގެ ލީގް އަދި ފެށިފައި ނުވާ އިރު ނިއުއިން އޭއެފްސީ ކަޕަށް ކުރިމަތިލީ ވާދަވެރި އެއްވެސް މެޗެއް ނުކުޅެ އެވެ.

ނިއުއާ ދެކޮޅަށް ކިޗީ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު ރާއްޖެގަޑިން 17:00 ގަ އެވެ.