ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމާ ގުޅޭ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ މައްސަލައާ މެދު ރައްޔތިުންގެ މަޖިލީހުން ފެންނަގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީފުޅެއް ފޮނުވާފަ އެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވީ ރައީސް ޔާމީންގެ ސިޓީފުޅު މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު އެވެ.

އެސިޓީފުޅުގައި ވަނީ އެސްއީޒެޑްގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޖިލީހުން ދެކޭ ގޮތެއް ކަނޑައަޅައި ދެއްވުން އެދިލައްވާ ކަމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި ރައީސް ޔާމީން އިދާރާއެއް އުފެއްދެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ އިދާރާ އުފެއްދެވީސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާމަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން 'މޯލްޑިވްސް އިމިގްރޭޝަން'އަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.