15 Mar 2016, 10:29
ޖެނީވާ (މާޗް 15): ރަޝިޔާ ސިފައިން ސޫރިޔާއިން ބޭލުމަށް ރައީސް ވްލަޑިމިޔާ ޕޫޓިން ނިންމެވި ނިންމެވުމަކީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް ލިބުނު ބާރެއް ކަމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ބުނެފި އެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ތަރުޖަމާނެއް ކަމަށްވާ ސާލިމް އަލްމުސައްލިތް ވިދާޅުވީ ރަޝިޔާ ސިފައިން ސޫރިޔާއިން ފާބައިފިނަމަ ސުލްހައިގެ ވާހަކަތަކަށް ކުރިއެރުން ލިބޭނެ ކަމަށާއި ދޫދޭން ރައީސް ބައްޝާރުލް އަސަދަށް މަޖްބޫރު ވެގެންދާނެ ކަމުގަ އެވެ.
ނަމަވެސް ރައީސް ޕޫޓިންގެ ނިންވެމުގައި ސީރިޔަސްކަން ހުރިމިންވަރު ފެންނާނީ ރަޝިޔާ ސިފައިން ސޫރިޔާއިން ބޭލުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ސޫރިޔާގައި ހަނގުރާމަ ކުރަމުން ގެންދާ ރަޝިޔާ ސިފައިން އެ ގައުމުން ބާލައި އަނބުރައި ރަޝިޔާއަށް ގެނައުމަށް ނިންމަވައި އިއްޔެ އެކަން އިޢްލާން ކުރައްވާފަ އެވެ. ރަޝިޔާ ސިފައިން ސޫރިޔާއިން ބޭލުމުގެކަންތައް މިއަދު ފަށާނެ ކަމަށާއި އަދި މިކަމަށް ފަސް މަސް ހޭދަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ރަޝިޔާ ސިފައިންގެ ބޮޑުބައި ސޫރިޔާއިން ބޭލި ނަމަވެސް ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ބޭސްތަކުގައި ރަޝިޔާ ސިފައިންގެ ބައެއް މީހުންނާއި ހަތިޔާރުތައް ބަހައްޓާނެ ކަމަށާއި އެ މީހުން ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ދެން ނުވަންނާނެކަން ވެސް ޕޫޓިން ވަނީ ހާމަކުރައްވާފަ އެވެ. ރަޝިޔާގެ މި ނިންމުމާ ގުޅިގެން އެމެރިކާއަށް ވަނީ ހައިރާންކަމެއް ލިބިފަ އެވެ. އެހެންކަމުން ރައީސް ބަރަކް އޮބާމާވަނީ އެކަމާ ބެހޭ ގޮތުން ޕޫޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ ސިފައިން ސޫރިޔާއިން ބޭލުމަށް ޕޫޓިން ނިންމެވީ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކަށް ފުރްސަތު ދިނުމުގެ ގޮތުންނާއި ރައީސް ބައްޝާރުލް އަސަދަށް ވެސް މެސެޖެއް ދިނުމުގެ ގޮތުންނެވެ. އަދި ރަޝިޔާއިން ސޫރިޔާއަށް ވަދެގަތް މަގްސަދު ޕޫޓިންނަށް ޙާސިލް ކުރެއްވިފައިވާ ކަމަށް ވެސް މި ފަރާތްތަކުން ދެކެ އެވެ. ރަޝިޔާއިން ސޫރިޔާއަށް ވަދެ ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ރަޝިޔާގައި އުފައްދަމުން ގެންދާ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުތައް ހަނގުރާމައިގެ މައިދާނެއްގައި ޓެސްޓްކޮށް ރަޝިޔާގެ އަސްކަރީ ބާރު ހުޅަނގަށް ދައްކާލުމެވެ.
މީގެއިތުރުން މެދުއިރުމަތީގެ ކަންކަމަށް ނުފޫޒުހިންގައި ބަސްކިޔާ ގައުމެއްގެ ގޮތުގައި ރަޝިޔާ ހެދުމެވެ. މިމަގްސަދު ކިތަންމެ ރަނގަނޅަކަށްވެސް ރަޝިޔާވަނީ ޙާސިލްކޮށްފައެވެ. ރަޝިޔާގެ މިފިޔަވަޅުގެ ސަބަބުން މިއަދު ރަޝިޔާވަނީ ސޫރިޔާގެ މައްސަލަ އާގުޅޭ ހުރިހާ ކަމެއްގައި އެމެރިކާއެކޭ އެއްފަދަ ހިއްސާއެއް ހޯދާފައެވެ. އަދި ރަޝިޔާވަނީ އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން އެގައުމުގެ ބާރުވެރިކަން ހުޅަނގަށް ދައްކައި ރަޝިޔާއަކީ ހުޅަނގަށް ނުކުޅެވޭނެ ބޮޑު ބާރެއްކަންވެސް ސާބިތުކޮށްދީފައެވެ. (ނޫސްއެޖެންސީތައް)