27 Apr 2011, 13:02
ދައުލަތުގެ އިސް ވެރިންތަކެއްގެ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާ އެކު އާއްމުވި، ކުޑަކުދިންތަކެއްގެ ކުރިމަތީގައި ބަރަހާނާވި، އަންހެން މީހާ ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި ފުލުހުން އެދެފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބަރަހާނާ ވީޑިއޯތަކާ އެކު ފޮޓޯތައް އާއްމުވި މައްސަލައާ ގުޅިގެން އެ ވީޑިއޯތަކާ އެކު ފެންނަ އަންހެން މީހާ ހިފައި ހައްޔަރުކުރުމުގެ އަމުރަކަށް އެދި މި މަހުގެ 16 ވަނަ ދުވަހު ފުލުހުން އެދިފައިވާ ކަމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި އެ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވީ ނަމަވެސް، މިހާތަނަށް އެމީހާ ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަންހެން މީހާގެ އިތުރުން އެއްވެސް މީހަކު ހައްޔަރުކުރުމަށް ނުވަތަ އެ ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު ދިރުއުޅޭތަން ބަލައި ފާސްކުރުމުގެ އަމުރަކަށް މިހާތަނަށް [ފުލުހުން] އެދިފައެއް ނުވާ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އަދި ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކުޑަކުދިންތަކެއްގެ ކުރިމަތީގައި ބަރަހާނާވާ މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ހިމެނޭ އަންހެން މީހާ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ބުނެދެވެން ނެތް ކަމަށެވެ. ނަމަވެސް އެވީޑިއޯތަކުގެ މައްސަލާގައި ހިމެނޭ ބައެއް މީހުންނާ ސުވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައްޔަރުކުރުމަށް ކޯޓުން އަމުރަކަށް އެދިފައިވާ އެ އަންހެން މީހާގެ ވީޑިއޯގެ އިތުރުން، ދައުލަތުގެ އިސް މަގާމުގައި ތިއްބެވި އެތައް ބޭފުޅަކާއި މުޖުތަމައުގެ އެކިއެކި ފަންތީގެ މީހުންގެ ވީޑިއޯ ވެސް އާއްމުވެފައިވާ އިރު، އެ އަންހެން މީހާ ފިޔަވައި އިތުރު މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައި ނުވަނީ ކީއްވެގެން ކަމެއެއް ފުލުހުން ނުބުންޏެވެ.
އެ ވީޑިއޯތައް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރި ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އެންމެން މަސް ދުވަހަށް ފަހު ދާދިފަހުން ވަނީ ދޫކޮށްލައިފަ އެވެ. އެމީހުން ދޫކޮށްލާފައި ވަނީ ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު އެމީހުން ހައްޔަރުގައި އިތުރަށް ބޭތިއްބުމަށް ނުފެންނާތީ ކޯޓުން ވަނީ އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ބަރަހާނާ ވީޑިއޯތަކުގެ މައްސަލާގައި ފުލުހުން އައްޑޫންނާއި މާލެ އިން ހައްޔަރުކުރި މީހުންގެ ދޫކޮށްލާފައި ވަނީ ބައެއް ކަހަލަ ޝަރުތުތައް ކުރުމަށް ފަހުގައި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
"ދޫކޮށްލީ ޝަރުތުތަކެއް ކަނޑައާޅާފައި. އެގޮތުން ވަކިއިރެއްގެ ފަހުން ގެއިން ނުނިކުތުމަށާއި ގްރޫޕް ހަދައިގެން ނޫޅުމަށާއި، ރަށުން ބޭރަށް ނުދިއުން ޝަރުތުކޮށްފައިވޭ،" އޮފިޝަލު ވިދާޅުވި އެވެ.
ބަދުއަޚްލާގީ އަމަލުތައް ދައްކުވައިދޭ ވީޑީއޯ އާއި ފޮޓޯ ބޭނުންކޮށްގެން ބައެއް ފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލްކޮށްގެން ފައިސާ އަތުލުމާއި އެކިބާވަތްތަކުގެ ނާޖާއިޒް ފައިދާ ނެގި މައްސަލައާ ގުޅިގެން އެކިފަހަރު މަތިން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބަރަހަނާ ވީޑިއޯތަކުން ފެންނަ އަންހެން މީހާ ވެބްކެމް ކުރިމަތީގައި ހަޑިހުތު އަމަލު ހިންގާ އިރު އޭނާގެ ތުއްތު ދެކުދިން ވެސް ވަށައިގެން އުޅޭ މަންޒަރު ވީޑިއޯ އިން ފެންނަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ބަރަހާނާ ވީޑިއޯތަކުގެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން، އެއިން ވީޑިއޯ އަކުން ފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ވަނީ ސަރުކާރުގެ ސިންގަޕޫރުގެ ވަޒީފާ އަކަށް ބަދަލުކޮށްފައި ކަމަށް މުއުތަބަރުކޮށް ސަން އަށް އެނގިފައިވެ އެވެ. އަދި އެ ވީޑިއޯއަކުން ފެންނަ ކަމަށް ބެލެވޭ ސަރުކާރުގެ އިސްވެރިންގެ ތެރެއިން އެންމެ ބޭފުޅަކު ފިޔަވައި އެއްވެސް ބޭފުޅަކު މިހާތަނަށް އިސްތިއުފާދެއްވައިފައެއް ނުވެ އެވެ.