ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އޭނާއަކީ އެ މައްސަލާގައި މިހާރު ބަންދުގައި ހުރި ހަމައެކަނި މީހާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރީ އިއްޔެގައި ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ފެނަކަ ބުރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދު އާއި އެ އިންޖީނުގޭ ޑުރައިވަރު މުހައްމަދު ޔާމީނެވެ. އެ ދެ މީހުން ވެސް މިހާރު ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.

ތިނަދޫ އިންޖީނު ގޭގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެ ހާދިސާގެ ސަބަބުން ތިނަދުއަށް ކަރަންޓު ލިބުނީ ފަސް ދުވަސް ފަހުން ނެވެ.