15 Mar 2016, 10:20
ސައޮޕައުލޯ (މާޗް 15): ބްރެޒިލްގެ ކުރީގެ ރައީސް އަދި މަނީ ލޯންޑްރިންގެ ތުހުމަތުގައި މި މަހުގެ ތެރޭގައި ފުލުހުން ސުވާލު ކުރި، ލޫލާ ޑަ ސިލްވާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން އެ ގައުމުގެ މިހާރުގެ ރައީސާ، ޑިލްމާ ރޫސެފް ނިންމަވައިފި ކަމަށް ބްރެޒިލްގެ މީޑިއާ އިން ބުނެފި އެވެ.
މިދިޔަ ހަފްތާގައި ލޫލާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފައި ވަނީ ދައުލަތަށް ނިސްބަތްވާ ތެޔޮ ކުންފުނި، ޕެޓްރޯބްރާސްގެ ކޮރަޕްޝަން މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، ލޫލާ ވަނީ އޭނާ ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެފަ އެވެ.
މިނިސްޓަރު ކަން ލިބުމުން ލޫލާއަށް ގާނޫނީ ރައްކާތެރިކަން ލިބޭނެ އެވެ. ސަބަބަކީ، މިނިސްޓަރެއްގެ މައްސަލައެއް ހަމައެކަނި ބެލޭނީ ސުޕްރީމް ކޯޓުގަ އެވެ. ޕެޓްރޯބްރާސް ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަ ބަލަނީ އެހެން ކޯޓަކުންނެވެ.
ބްރެޒިލްގެ ރައީސާ، ރޫސެފް ވަނީ ލޫލާގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. ރޫސެފް އަކީ ލޫލާ ވެރިކަމުން އިސްތިއުފާ ދެއްވި އިރު އޭނާގެ ފަހުން ވެރިކަން ކުރަން ހިޔާރު ކުރެއްވި ކެނޑިޑޭޓެވެ.
ޕެޓްރޯބްރާސްގެ ކޮރަޕްޝަން މައްސަލައިގެ ސަބަބުންނާއި ގައުމުގެ އިގުތިސާދު ހީނަރުވުމުގެ ސަބަބުން ގައުމުގެ ގިނަ ބަޔަކު ދަނީ ރޫސެފް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އޭނާގެ އިސްތިއުފާ އަށް އެތައް ހާސް ރައްޔިތުން ގޮވާލި ނަމަވެސް، ރޫސެފް ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ވެރިކަން ކުރާ ވޯކާސް ޕާޓީން ވަނީ ލޫލޫ މިނިސްޓަރު ކަމަށް އައްޔަން ކުރުމުން ރޫސެފްގެ ބަލިކަށިވެފައިވާ ސަރުކާރު ވަރުގަދަވެގެން ދާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)