15 Mar 2016, 10:01
އިނގިރޭސީ ޕްރިމިއާ ލީގުގައި ނިއުކާޝަލްގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ލެސްޓާ ސިޓީން އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފި އެވެ.
ލެސްޓާ އަށް 63 ޕޮއިންޓް ލިބޭއިރު ދެ ވަނާގައި އޮތް ޓޮޓެންހަމަށް ލިބެނީ 58 ޕޮއިންޓެވެ. އެ ދެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ ތިން ވަނާގައި އޮތީ 52 ޕޮއިންޓާއެކު އާސެނަލް އެވެ. ލެސްޓާ އަތުން ރޭ ބަލިވި ނިއުކާސަލް އޮތީ 24 ޕޮއިންޓާއެކު ފުލުން ދެވަނާގަ އެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފްގަ އެވެ. ލެސްޓާގެ ގޯލު 25 ވަނަ މިނެޓްގައި ޖެމީ ވާޑިގެ އެހީތެރިކަމާއި އެކު ކާމިޔާބުކޮށްދިނީ ޝިންޖީ އޮކަޒާކީ އެވެ.
ފުރަތަމަ ހާފް ލެސްޓާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ނިއުކާސަލް އިން ވަނީ ރަނގަޅަށް ކުޅެ ލެސްޓާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކޮށްފައެވެ. ނަމަވެސް ނިއުކާސަލް އަށް ވަނީ ލެސްޓާގެ ގޯލު ފޫއަޅުވާލަން ނުކުޅެދިފައެވެ.
ރޭގެ މެޗަކީ ނިއުކާސަލްގެ ކޯޗު ކަމާއި ރަފޭލް ބެނީޓޭޒް ހަވާލުވިފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބެނެޓޭޒް ބުނީ އެ ޓީމް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށާއި ކުރިއަށް އޮތް އަށް މެޗުގައި އެކަން ސާބިތު ކޮށްދޭނެ ކަމަށެވެ.
"ކުޅުމާ މެދު ހިތްހަމަޖެހޭ. އެންމެ ފުލުގެ އޮތް ޓީމެއް ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމެއް އަތުން މޮޅުވުމަކީ އުނދަގޫ ކަމެއް. ނަމަވެސް ކުރިއަށް އޮތް މެޗުތަކުގައި މި ޓީމުގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދާނެ،" ބެނިޓޭޒް ބުންޏެވެ.