ދުނިޔޭގައި މިހާތަނަށް ހެދި ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓު ޅ. ހުރަވަޅި ރިސޯޓުގައި ބަހައްޓައިފި އެވެ.

ނިއުޒީލެންޑުގައި ހެދި ރެސްޓޯރެންޓު ރާއްޖެ ގެނެސް، ރިސޯޓުގައި ބެހެއްޓުމުގެ މަސައްކަތް ފެށީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ރެސްޓޯރަންޓު މޫދަށް ފައްތައި، ރެސްޓޯރަންޓު ބެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ނިންމައިފަ އެވެ.

ހުރަވަޅި ރިސޯޓަކީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ހަދަމުން އަންނަ ރިސޯޓެކެވެ. ރިސޯޓު ހުޅުވަން ނިންމާފައި ވަނީ އަންނަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ދިގު މިނުގައި 22.5 މީޓަރު ހުންނަ ރެސްޓޯރަންޓް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ދިރާސާތަކާއި ޑިޒައިން މަސައްކަތްތައް ކުރުމަށް އަހަރެއް ހޭދަވި ކަމަށް ރެސްޓޯރެންޓް އުފެއްދި ފަރާތުން ވަނީ ބުނެފަ އެވެ.

ތޭރަ މީޓަރުގެ އުސް ސިޑިއަކާ އެކު ބިނާ ކޮށްފައިވާ ރެސްޓޯރަންޓުގައި ކެއުމަށް އިންސާފު ކުރަމުން ގެންދާ އިރު، ކަނޑުއަޑީގެ ދިރުންތަކާއި ހިތްގައިމު މަންޒަރުތައް ފެންނާނެ ކަމަށްވެ އެވެ. އެ ރެސްޓޯރަންޓުން އެއް ފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ކުރިއަށް އޮތް ތަނުގައި ކައިވެނި ހަފްލާތަކާއި ހަނީމޫނަށް އަންނަ ފަރާތްތަކަށް ވެސް އެ ރެސްޓޯރަންޓު ހުޅުވާލެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓު ރާއްޖޭގައި ބަހައްޓާފައިވާ އިރު، ދުނިޔޭގައި އެންމެ ފުރަތަމަ ހެދި ކަނޑުއަޑީގެ ރެސްޓޯރަންޓު ވެސް ހުރީ ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ އދ. ކޮންރެޑް މޯލްޑިވްސްގަ އެވެ.