15 Mar 2016, 09:11
ބޮލީވުޑްގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ދެ ތަރިން ކަމަށްވާ ޝާހުރުކް ހާން އާއި ސަލްމާން ހާން ވަނީ މީގެ ކުރިންވެސް އެކުގައި ފިލްމުތަކެއް ކުޅެފައެވެ. ކަރަން އަރުޖުން، ކުޗް ކުޗް ހޯތާހޭ، ހަމް ތުމަހަރޭ ހޭ ސަނަމް ފަދަ ފިލްމު ތަކަކީ އެދެތަރިން އެކުގައި ފެނިގެން ގޮސްފައިވާ ފިލްމު ތަކެވެ.
ޒުވާން ދުވަސްވަރު މަޝްހޫރު ގިނަ ފިލްމުތަކެއް އެކުގައި ކުޅުނު ނަމަވެސް، ފަހަކަށް އައިސް އެ ދެތަރިން އެކުގައި ފިލްމަކުން ނުފެނެއެވެ. އަދި އެ ދެތަރިން އެފަދަ ވިސްނުމެއް ގެންގުޅޭ ތަނެއްވެސް ނުފެނެއެވެ. ސަބަބަކީ ދެ ތަރިންގެ ދެމެދުގައި އުފެދުނު ޒަމާންވީ ރުޅިގަނޑު ކަމަށް ވެދާނެ އެވެ.
ކޮންމެ އަކަސް ސަލްމާން އާއި ޝާހުގެ ގުޅުން މިހާރު ވަނީ ބަދަހި ވެފައެވެ. އެދެތަރިންގެ ދެމެދުގައި އުފެދުނު ޒަމާންވީ "ދުޝްމިން" ކަމަށްވެސް މިހާރު ވަނީ ނިމުމެއް އައިސްފައެވެ.
އެހެންކަމުން އެ ދެތަރިން އެކުގައި އަނެއްކާވެސް ފިލްމަކުން ފެންނާނެ ކަމުގެ އުއްމީދު އެތައް ބަޔަކު އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން އެކަކީ، މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ.
"އަހަންނަށް ހީވަނީ ސަލްމާން އާއި ޝާހު އެކުގައި ފެންނާނެ ކަމަށް އެންމެންވެސް އުއްމީދު ކުރަން ވީހެން. އަހަރެން އުއްމީދު ކުރަން ސަލްމާން އާއި ޝާހުގެ ފިލްމެއް ފެންނާނެ ކަމަށް." އޭނާގެ ޝޯވް، "ކޮފީ ވިތު ކަރަން" އަށް ސަލްމާން އާއި ޝާހު ގެނައުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ކަރަން ބުންޏެވެ.
ފަހަރުގައި، ކަރަން އެ ދިނީ އެދެތަރިން އެކުގައި ފެންނަން އުޅޭކަމުގެ ފެހި ސިގުނަލަކަށްވެސް ވެދާނެ އެވެ. ނުވަތަ އެ ދެތަރިން އެކުގައި ފިލްމެއް ކުޅުވުމަށް ކަރަންގެ ވިސްނުން ހުރީ ކަމަށްވެސް ވެދާނެއެވެ.