ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ބޭނުންކުރާ ޓެކްނޮލޮޖީ އާ ތަފާތު ޓެކްނޮލޮޖީ އަކާ އެކު ހިދުމަތް ދޭ ފަސް އޭޓިއެމް ވެލާނާގޭގައި ގާއިމްކޮށް އެތަނުގެ ހިދުމަތް އިއްޔެ އިން ފެށިގެން ދޭން ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކް، ބީއެމްއެލް އިން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭގެ ތިރީގައި ގާއިމް ކޮށްފައިވާ އެ ފަސް އޭޓީއެމްގައި ކާޑް ރީޑްކުރުމަށް ބޭނުން ކުރަނީ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ކާޑް ސުވިޕް އެވެ. ބީއެމްއެލްގެ ހެޑް އޮފް ކާޑް ސެންޓާ މުހަންމަދު ޝަރީފް އިއްޔެ ވިދާޅުވީ އެ ޓެކްނޮލޮޖީގެ ސަބަބުން މިހާރު ބީއެމްއެލް އިން ހިދުމަތް ދެމުން އަންނަ އޭޓީއެމްތަކާ ހިލާފަށް ކާޑު އެތެރެ އަށް ވައްދަން ނުޖެހުމުން ހަދާންނެތި ކާޑް ބާއްވާފައި ދެވުމާއި ކާޑު އެތެރެ އަށް ދަމައިގަތުން ފަދަ ކަން ކަމަށް ކަސްޓަމަރުންނަށް ލުޔެއް ލިބޭނެ ކަމަށެވެ.
ކާޑް ސްވިޕް ޓެކްނޮލޮޖީއަކީ ކާޑް އޭޓީއެމްގައި ދަމާލުމުން އެކާޑުގައި ހުންނަ ޑޭޓާތައް ސިސްޓަމަށް ދެނެގަންނަ ފަހުގެ ޓެކްނޮލޮޖީ އެކެވެ.

ކޮންމެ ދުވަހަކު އާންމުންގެ ތެރެއިން ގިނަ ބަޔަކު ޒިޔާރަތްކުރާ ވެލާނާގެ ތިރީގައި ބަހައްޓާފައި ހުރި އޭޓީއެމް ބޫތުން ކާޑަށް އެޕްލައިކުރާ ފޯމް ފުރުމާއި ހުށަހެޅުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އެތަނުގައި ފޯމް ލުމަށް ހާއްސަ ފޮއްޓެއް ވެސް ވަނީ ބަހައްޓައިފަ އެވެ.
މާލޭގެ އިތުރުން ބީއެމްއެލްގެ އޭޓީއެމްތައް އަތޮޅުތަކުގައި ހުންނަ އެ ބޭންކުގެ މުހިންމު ގޮފިތަކުގައި ހުރެ އެވެ.