15 Mar 2016, 00:04
ފިރިހެނުންނާ އެއް ހަމައަކުން، ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.
އަންހެނުންގެ ދުވަހަށް މިއަހަރު އ.ދ. އިން ކަނޑައަޅާފައިވާ "2030ވަނަ އަހަރަށް 50-50 ދުނިޔެއެއް: ޖިންސުގެ ހަމަހަމަކަން ގެނައުން އަވަސްކުރަމާ" އެވެ.
މިނިސްޓަރު ވިދާޅުވީ، ޝިއާރުގައިވާ ގޮތަށް ޖިންސުގެ ހަމަހަމަކަން ގެނެވޭނީ އަންހެނުންނަށް ފުރުސަތުތަކެއް ދީގެން ކަމަށެވެ.
"މަސައްކަތް ކުރަން އެބަ ޖެހޭ އަންހެނުން ހަމަހަމަ ކުރުމަށް. އަންހެނުންނަށް ފުރުސަތެއް ދިނުމަށް. 50-50 މިހާރު މިވަނީ ޓާގެޓަކަށް ވެފައި. ޝިއާރަކަށް ވެފައި. މިގޮތުން އަންހެން ބޭފުޅުންނަށް ފުރުސަތު ދީ އަދި އަންހެން ބޭފުޅުން އެފަދަ ޖެންޑާ ބެލެންސެއްގައި ނެތް މަގާމުތަކަށް ދާއިރާތަކުގައި އެފަދަ ފުރުސަތުތައް ހޯދައި ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމު ތަރައްގީ ކުރުމަށް އިގްތިސާދީ ގޮތުންނާ އިޖުތިމާއީ ގޮތުން ކުރަން ޖެހޭ މަސައްކަތުގައި ފިރިހެނުންނާ އެއްވަރަށް ގާބިލް އަންހެނުން އެބަ ތިބި ކަމަށެވެ.
އޭގެ އިތުރުން ގައުމު ތަރައްގީ ކުރުމުގައި އަންހެނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަންހެނުން ކުރާ މަސައްކަތް ބަލައިގަނެ އަންހެނުން ބާރުވެރި ކުރުވަން ޖެހޭ ކަމަށެވެ.
އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ބަސް ކިޔޭނެ މަގާމުތައް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި ބިލެއް ހުށަހެޅި އެވެ.
ނަމަވެސް ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް އެ ރަށެއްގެ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެންދާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެ އިސްލާހު ވަނީ މިއަދު ބޭރުކޮށްލާފަ އެވެ.