14 Mar 2016, 23:53
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތި އަންހެނަކު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށް މާލެއަށް ގެނައުމަށް ފުރުވާލައިފިއެވެ.
ގަމު ކައުންސިލްގެ ނައިބުރައީސް އަސްލަމް މުޙައްމަދު ސަންއަށް ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންހެނެއްގެ ގަޔަށް ހޭ ނައްތާ ދެ އިންޖެކްޝަން ޖެހީ މިރޭ ނުވައެއްޖަހާ އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ހޭނާރައިގެން މީގެ ކުޑަ އިރުކޮޅެއް ކުރިން، އޭނާ ގޮވައިގެން މާލެއަށް ދިއުމަށް ފުރާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"ކިހިލިފަތްދޮށުގައި ލާފައިވާ ގަނޑެއް ނެގުމަށް އޮޕަރޭޝަން ކުރީ. މިރޭ ނުވައެއް ޖަހާ އެހާކަންހާއިރު އޭނާ ގަޔަށް ހޭނައްތާ ދެ އިންޖެކްޝަން ޖެހީ،" އަސްލަމް ވިދާޅުވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ކަމާ ބެހޭ އިސް ފަރާތަކާ ނުގުޅޭތީ އެހާދިސާއާއި ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.