14 Mar 2016, 23:49
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ) ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ސްޓެލްކޯ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
އެ ރަސްމިއްޔާތުގައި، ސްޓެލްކޯގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ތެރެއިން، ތަފާތު ހަތަރު ދާއިރާއަކުން ފާހަގަކޮށްލެވުނު 25 މުވައްޒަފަަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.
އެގޮތުން އެ ކުންފުންޏަށް މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އަށް ކަނބަލުންނާއި، ފަންނީ ދާއިރާގައި އެކުންފުންނަޏަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ 10 ކަނބަލުންނާއި، އެ ކުންފުނީގެ އިސް ސަފުގައި މަސައްކަތް ކުރާ ހަތަރު ކަނބަލަކަށް އަދި އެންމެ ޒުވާން އުންމީދީ ތިން ކަނބަލުންނަށް މިރޭ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކޮށް، އަންހެނުން ބާރުވެރި ކުރަން ޖެހޭ ކަމަށެވެ.
ސްޓެލްކޯގެ އެކި މަގާމުތަކުގައި 92 އަންހެން މުވައްޒަފުން މަސައްކަތް ކުރާއިރު، އެއީ އެ ކުންފުނީގެ ވަޒީފާތަކުގައި އުޅޭ މީހުންގެ 13 ޕަސެންޓެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝޫކޫރު ވިދާޅުވީ، ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް މިހާރަށް ވުރެ މަތި ކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބޭނުންވޭ މި އަދަދު މައްޗަށް ޖައްސާލަން. ގާތްގަނޑަކަށް 30 ނުވަތަ 33 އަށް ހަދާލަން،" އެމްޑީ ވިދާޅުވި އެވެ.
އެމްޑީ ޝުކޫރު ވިދާޅުވީ، ވަޒީފާ އަދާކުރާ އަންހެނުންގެ މިންވަރު އިތުރުކުރެވިއްޖެ ނަމަ، ކުންފުނި އިތުރަށް ކުރިއަރާނެ ކަމަށާއި، އޭރުން މިއަދު ފެންނަ މަންޒަރަށް ވުރެ ހިތްގައިމު މަންޒަރެއް ފެނިގެންދާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.