14 Mar 2016, 23:03
ހަރުކަށި ވިސްނުމާއި ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އެކު ރާއްޖޭން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެކަމުގައި އެ ދެގައުމުގެ އިތުރުން ވެސް ބައެއް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަހަރެމެން މި އަންނަނީ މަސައްކަތް ކުރަމުން އަވަށްޓެރިން ކަމަށްވާ ސްރީލަންކާ އަދި އިންޑިއާއާއި އެކު، ހާއްސަކޮށް އިންޑިއާއާއި އެކު. މިކަމުގައި އަހަރެމެން ވަރަށް ގާތުން މަސައްކަތް އެބަކުރަން ޔޫކޭ އާއި ޔޫއެސްއޭއާއި އެކުގައި ވެސް. އަދި އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތުރުކީ ހިމެނޭ ގޮތުން އެހެން ބައެއް ގައުމުތަކާއި އެކުގައި ވެސް. އަހަރެމެންގެ ފުލުހުންނާއި އިންޓެލިޖެންސް އެމީހުންނާ އެކު މަސައްކަތް ކުރޭ،" ނަސީރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ދެގައުމުން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާނެ ނިޒާމެއް ގާއިމްކުރުމަށް އިންޑިއާއާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވެއެވެ.
ނަސީރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖަޔަޝަންކަރާ ވަނީ ބައްދަލުކުރައްވާފައެވެ.