ވަޑާންގެތަކާއި ވޯކްޝޮޕްތައް ހިންގުމަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހަދާ ސިނާއީ ސަރަހައްދަށް އެފަދަ ތަންތަން ބަދަލުކުރަން ޖެހޭ ގޮތަށް ހައުސިން މިނިސްޓްރީން އާ އުސޫލެއް ހަދައި، ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މިދިޔަ ބުދަދުވަހު ޝާއިކުރި އާ އުސޫލުގައިވާ ގޮތުން ވަޑާންގެއާއި ވޯކްޝޮޕްތައް މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހިންގަން، ދެން ހުއްދައެއް ނުދޭނެއެވެ. އެގޮތުން ހިންގަން ހުއްދަ ނުދޭނެ ވޯކްޝޮޕްތަކަކީ ވެހިކަލް ދޮވެ ސާފުކޮށް ދަވާދުލުމުގެ މަސައްކަތް ކުރާ ތަންތަނާއި އިންޖީނު މަރާމާތުކުރާ ތަންތަނާއި އެވޯކްޝޮޕެއްގެ ސަބަބުން، މަގަށް އުނދަގޫވާ ތަންތަނާއި ލަކުޑި ކީހުމާއި ފަރުނީޗަރު ޖެހުމުގެ މަސައްކަތް ކުރާ ތަންތަނެވެ.

ހައުސިން މިނިސްޓްރީން އާ އުސޫލު ގެޒެޓްކޮށްފައި މިވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީ ކުރާ ސިނާއީ ސަރަހައްދުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުން ކަޅުތުއްކަލާ ކޮށްޓާ ދިމާ ފަޅުތެރެއިން ބައެއް ހިއްކައިގެން ސިނާއީ ސަރަހައްދެއް ތަރައްގީ ކުރަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)އާ ހަވާލުކުރީ މިދިޔަ ޖެނުއަރީމަހުއެވެ.

އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 159 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެެވެ.

ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު އޭރު ވިދާޅުވީ "މާލޭ އިންޑަސްޓްރިއަލް ވިލެޖް"ގެ ނަމުގައި ތަރައްގީ ކުރާ އެ ސަރަހައްދުގެ ބޭނުމަކީ މާލެތެރޭގައި ކުރަމުން އަންނަ ސިނާސީ ބައެއް މުހިއްމު މަސައްކަތްތައް އެސަރަހައްދަށް ބަދަލުކުރުން ކަމަށެވެ. އެތަނުގައި ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކުނި މެނޭޖްކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"... އެކަމަށް ބޭނުންވާ ބިން ކަނޑައެޅި ސީދާ އެދިމާލުން އުފުލިބާޖްތައް ކައިރިކުރެވޭ ގޮތަށް ފަރުމާކުރެވިފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

ސިނާއީ ސަރަހައްދުގެ އަނެއް ބޭނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރުމަށް އެކަށީގެންނުވާ މަސައްކަތްތައް ކުރަމުން އަންނަ ތަންތަން އެތަނަށް ބަދަލުކުރުމެވެ.

"... އެގޮތުން ލަކުޑި ގުދަންތަކާ، ބައެއް ކަހަލަ މެޓަލް ވޯކްޝޮޕްސް، ނޭވާލުމުގެ ނިޒާމަށް ގެއްލުންވާ، ނުރައްކާވާ ކަހަލަ އެކި ކަހަލަ މަސައްކަތްތައް ހިންގާ ތަންތަން އެބަހުރޭ، އެތަންތަން އެބަޖެހޭ، މިހާ ތޮއްޖެހިފައި އޮންނަ ތަނެއްގެ ތެރޭގައި ނުބަހައްޓާ، އެހެން ނަމަވެސް އެމީހުންނަށް ވެސް ބިން ލިބޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ގޮތްތަކެއް ވާން،" މިނިސްޓަރު ވިދާޅުވި އެވެ.