14 Mar 2016, 18:47
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމަށް ސިޔާސީ މީހަކު އައުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމެޓީގެ ޗެއާމަންކަން ވެސް އަދާކުރައްވަމުން އަންނަ މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަވީދު ވިދާޅުވީ، އެފްއޭއެމްގެ ރައީސްކަމަށް ސިޔާސީ މީހެއް އައުމަށް އޭނާ ދެކޮޅުހެއްދެވި ނަމަވެސް ޑިމޮކުރެސީގެ ހަމަތަކާއި އެއްގޮތަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ ކަމަށާއި އެގޮތުގެ މަތިން ސިޔާސީ މީހުންނަށް ވެސް އެފުރުސަތު ފަހިވެފައިވާ ކަމަށެވެ.
"ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ. އަޅުގަނޑު ހިތަށް އަރާ އެ ވުޒާރާގެ ބައެއް ބޭފުޅުންގެ އިންޓެންޝަނަކީ ކުޅިވަރު ކުރިއަށް ގެންދިއުން ތޯ ނޫނީ އެ ބޭފުޅުން ބޭނުންވާ ބަޔަކު ކުރިއެރުވުންތޯ،" މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ޝަވީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީނަކީ އެފްއޭއެމް އާއި އެކު ވަރަށް ގާތުން މަސަތްކަތްކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ބައެއް އިދާރާ ތަކުން އެ އިދާރާއަށް ހުރަސްތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާ ފަހަތަށް ޖެހެން ވެސް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު ކުރިމަތިލާ ހިތްވިޔަސް އެވާހަކަ ބުނާކަށް ބޭނުމެއް ނޫން. އެއީ އަޅުގަނޑު ކުރިމަތިލާ ވާހަކަ ބުނާއިރަށް އަޅުގަނޑަށް އަމާޒުކޮށްގެން ކޯޓެއްފަހާ އެބަ. އަޅުގަނޑަށް އަމާޒްކޮށްގެން ގަވާއިދު ތަކެއް އެބަ ހަދާ،" ޝަވީދު ވިދާޅުވިއެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަށް ރައްދު ދެއްވައި ޝަވީދު ވިދާޅުވީ، އެ ގަރާރު އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި ސަބަބަކީ އިންޓަނޭޝަނަލް ކޮމިއުނީޓީން ވެސް އެކަން ގަބޫލު ނުކުރާތީ ކަމަށެވެ. އެ ގަރާރުގައިވާ ގޮތުން އޮލިމްޕިކް ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ މީހަކު އެހެން އެއްވެސް އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމަށް ވަޑައި ނުގެންނެވޭނެ ކަމަށް ބުނެފައިވެއެވެ.
"އެއީ ސީދާ އަޅުގަނޑަށް އަމާޒު ކުރެވިގެން ފާސްކޮށްފައިވާ ގަރާރެއް. އަޅުގަނޑު ދެންނެވިން އެ ގޮތަށް ގަރާރުތައް ނުހަދައި އަޅުގަނޑުކައިރީގައި އެއްކައިރި ވެލަން ބުނާށޭ. އެހެން ކަމަށްވާ ނަމަ ދެވަނަ ވިސްނުމަކަށް ވެސް ދެވިދާނެ،" ޝަވީދު ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަވީދު ވިދާޅުވީ، އަތޮޅުތަކުގެ ފުޓްބޯޅަ އެއްފަރާތް ކޮށްލުމަށް ކުރާ މަސަތްކަތަށް އޭނާ އަބަދުވެސް ދެކޮޅުވާނެ ކަމަށާއި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަތޮޅުތަކުގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ.
"އަޅުގަނޑު ފައިޓް ކުރާނަން ރަށްރަށުގެ ފުޓްބޯޅަ މީގައި ބައިވެރި ކުރަން. ސްޓޭކް ހޯލްޑަރުން މީގައި ބައިވެރިކުރަން. އަންހެނުން މީގައި ބައިވެރި ކުރަން. އެބައިވެރިވުމެއް އަންނަން ޖެހެނީ ސީދާ އަޅުގަނޑު ކުރިމަތިލައިގެން ކަމުގައި ވެއްޖެ ނަމަ އަޅުގަނޑު ކުރިމަތިލާނަން،" ޝަވީދު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކަންކަން ހަރުދަނާކުރުމަށް 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު، ފީފާއިން ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވައިލިއިރު އެ ކޮމިޓީގެ ދައުރު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްދީފައެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު އަލުން އިސްލާހުކޮށް އެ ގަވާއިދު ހޯމް މިނިސްޓްރީގައި ރެޖިސްޓްރީކޮށް އަދި އިންތިހާބެއް ބޭއްވުމަށް ފީފާ އިން އެފްއޭއެމަށް ދީފައިވާ މުއްދަތު ހަމަވާނީ މާޗް މަހުގެ 31 ވަނަ ދުވަހަށެވެ.
ނަމަވެސް އެމުއްދަތުގެ ތެރޭގައިވެސް އިންތިހާބް ނުބޭއްވެއްޖި ނަމަ ފީފާއިން ރާއްޖެ އަށް ސީދާ ސަސްޕެންޝަނެއް ދިނުމުގެ ފުރުސަތު ބޮޑުއިރު އެ ކޮމެޓީގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ނަމަވެސް ޝަވީދު ވިދާޅުވީ، ކޮމެޓީގެ މުއްދަތު އިތުރުކޮށްފި ނަމަ އޭނާ ފަހަތަށްޖެހި ޗެއާމަންގެ މަގާމަށް އެހެން ބޭފުޅަކު ގެނައުމަށް ފީފާއަށް ހުށަހަޅުއްވާނޭ ކަމަށެވެ.