އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވުމަށް ޓަކައި ހައުސިން މިނިސްޓްރީގެ ނާޖާއިޒު ފައިދާ ބޭނުންކުރައްވާ ކަމަށް އަސްލަމާ އެކު އެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ މިއަދު ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ދަރުބާރުގެ ފަންސަވީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ މީޑިއާތަކުން މި ދުވަސްވަރު އަންނަ ހަބަރުތަކާއި އަދި އިވޭއަޑުތަކުން ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ވުރެ މިހާރު އިތުރުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ދޮގު މައުލޫމާތުތަކެއް ލިބި ވޯޓުލާން ޖެހޭ ރަނގަޅު ގޮތް އޮޅެމުން އަންނަ ކަމަށެވެ.

"އަސްލަމްގެ ކެމްޕޭނުގެ ވައުދުތަކުގައި އެބަ ގެންނަވާ ހައުސިން މިނިސްޓްރީގެ މެންޑޭޓްގެ މަސައްކަތްތައް. އެކަމުން އެމްޑީޕީގެ މެންބަރުންނަށް އެބަ އޮޅޭ ވޯޓުލާން ޖެހޭ ގޮތް. ދޮގު މައުލޫމާތުތަކެއް ދެވިގެން މިދަނީ. އަޅުގަނޑު މި ދަންނަވަނީ ވަޒީރެއްގެ ގޮތުން ކުރައްވަން ޖެހޭ ޒިންމާތަކަކީ އެއްވެސް ގޮތަކަށް ޕާޓީގެ ނައިބު ރައީސް ކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ވާނެ ކަންކަމެއް ނޫނޭ. އެހެންވެ އަޅުގަނޑު މިދަންނަވަނީ އެ ވުޒާރާގެ ނާޖާއިޒު ފައިދާ ނަންގަވަން އަސްލަމް މަސައްކަތް ކުރަމުންދެއޭ،" އަލްހާން ވިދާޅުވި އެވެ.

އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ ހައުސިންގް މިނިސްޓްރީއަކީ ރައްޔިތުންނަށް ފުއްދައިދޭން ޖެހޭ އެންމެ މުހިންމު ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދައިދޭން ޖެހޭ މިނިސްޓްރީ ކަމަށް ވީހިނދު އެ ވައުދުގެ ބޮޑު ބައެއް ނިންމަން ޖެހޭ ތާރީހަށް ނުނިމިވާ ކަމަށެވެ.

"މިހާރު ވެސް މާފަހަތުގައި މިވަނީ. އެ މިނިސްޓްރީގެ މަސައްކަތް މެކުހަށް ޖަހަން ޖެހިފައިވާ އިރު އަސްލަމް ނައިބު ރައީސް ކަމަށް އިސްވެއްޖެ ނަމަ އަސްލަމް ބިޒީ ވުމުން ބާރު ސްޕީޑުގައި ގޮސް އެ މަސައްކަތްތައް ނިންމައެއް ނުލެވޭނެ،" ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދާ މެދު ސުވާލު އުފައްދަވަމުން އަލްހާން ވިދާޅުވި އެވެ.
ސަރުކާރުގެ މިނިސްޓަރުން ޕާޓީގެ އިސްމަގާމުތަކަށް އިސްވުމާ މެދު އަލްހާން ވަނީ މިއަދު ގާނޫނީ ސުވާލުތަކެއް ވެސް އުފައްދަވަވައިފަ އެވެ. އެ މައްސަލައިގެ އަލްހާން ގާނޫނީ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ވިދާޅުވީ މިނިސްޓަރުން ޕާޓީގެ އިސް މަގާމުތަކެއް ފުރުމަކީ ގާނޫނު އަސާސީގެ ރޫހާ ވަރަށް ބޮޑަށް ހިލާފުކަމެއް ކަމަށާއި އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހުރި އުނިކަމެއް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅައި މަސައްކަތް ކުރާނަން ވަޒީރަކު ޕާޓީގެ މަގާމަށް ކުރިމަތިލާން ބޭނުން ނަމަ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދޭން. އަޅުގަނޑު ޕާޓީގެ ތެރޭގައި އެކަމަށް މަސައްކަތް ކުރާނަން،" އެމްޑީޕީގެ އަސާސީ ގަވާއިދަށް މިހާރުން މިހާރަށް ގެންނަން ފެންނަ މުހިންމު އިސްލާހާ ގުޅޭ ގޮތުން އަލްހާން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އަށާއި އަދި ހާއްސަކޮށް މިނިސްޓަރު އަސްލަމަށް ހޫނު ބަހުގެ ހަމަލާތަކެއް އަލްހާން މިއަދު ދެއްވި އިރު އޭނާ ވަނީ ހައުސިން މިނިސްޓްރީގެ އިސް ވެރިންގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީން ބާއްވަން މަސައްކަތް ކުރި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބަހުސްގައި ކޮރަޕްޝަނަށް މަގުފައިވާ ފަދަ ކަންތައްތަކެއްވާ ކަމަށް ބުނެ އެ ބަހުސް ބޮޔެކޮޓް ކުރައްވައިފަ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ބެހޭ ގޮތުން އަލްހާން ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އަސްލަމުގެ ބަހަކީ ކޮބައިތޯ ބެލުމަށް އަސްލަމަށް ގުޅި އިރު ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.