14 Mar 2016, 16:53
މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އެމްޕީއެލް ސަރަޙައްދުގައި (މީރުބަހުރު ބަނދަރުން ވަންނަގޮތަށް) ބޭނުންކުރަމުންދާ އުފުލިތަކަށް ގެންނަ ކުނިން ޓްރާންސްފަރ ފީއެއް ނެގުމަށް ހަމަޖައްސައިފި އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދަށް ގެންދާ ކުނިން ފީ ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ވޭސްޓް މެނޭޖުމަންޓުން ބުނީ ފީ ނެގޭނީ، ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް 200 ރުފިޔާގެ ރޭޓުން ކަމަށެވެ.
ފީ ނަގަން ފެށުމުގެ ކުރިން، އެމްޕީއެލް ސަރަޙައްދަށް ކުނި އުކާލުމަށް އަންނަ އުޅަނދުތަކަކީ އެ ކޯޕަރޭޝަންގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަށް ހެދުމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސަރަހައްދަށް ވަންނަ ގޮތަށް ޕިކަޕް އަދި ލޮރީގައި ގެންދާ، އިމާރާތް ކުރުމުގެ މަސައްކަތުގައި އުފެދޭ ކުނިންވެސް 200 ރުފިޔާގެ ޓްރާންސްފަރ ފީއެއް އަންނަނީ ނަގަމުންނެވެ.
ވެމްކޯ އިން އަންނަނީ އެންމެ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލާނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.