މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހެއްގެ ގައިގައި ހެލްމެޓަކުން ޖެހި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ޓެކްސީ ޑްރައިވަރެއް ކަމުގައިވާ ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް،50 ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިއަށްއެއްވެ މުޒާހަރާ ކުރަމުންދިޔަ ބަޔަކު ކޮންޓްރޯލް ކުރުމަށް އެވަގުތު އެތަނުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ޗާންދަނީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދަނިކޮށް މުޒާހަރާގެ ބައިވެރިއަކު އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.

އަބްދުއްރަހްމާން ހުސައިން ބިންމައްޗަށް ވައްޓާލުމުން އިގްބާލް އޭނާގެ އަތުގައި އޮތް ހެލްމެޓުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާކަން ދައުލަތުން ދައުލަތުން ހުށަހެޅި ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.

މޭޑޭ މުޒާހަރާގައި ފުލުސް މީހާއަށް ބަޔަކު ހަމަލާދިނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އެ މުޒާހަރާގައި ދެއްކި ވާހަކަތަކުން ހިއްވަރު ލިބިގެން ކަމަށް ކަނޑައަޅައި އޭނާ 12 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ފުލުސް މީހާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިތުރު ބައެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.