27 Apr 2011, 12:29
ހައި ކޯޓްގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ޝަރީފު ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ން ރޭ ކަނޑައަޅުއްވައިފި އެވެ.
ހައި ކޯޓްގެ އިސް ފަނޑިޔާރު ކަމަށް ޝަރީފު ކަނޑައެޅުއްވީ ރޭ ޖޭއެސްސީ އިން ބޭއްވި އަށް މެންބަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުން ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
ހައި ކޯޓްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވެވި، އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލްއުސްތާޒު އަބްދުލްޣަނީ މުހައްމަދާ ވާދަކުރައްވައިގެން ޝަރީފަށް ލިބިވަޑައިގަތީ ހަ ވޯޓެވެ. އަދި ޣަނީ އަށް ލިބިވަޑައިގެންނެވީ ދެ ވޯޓެވެ.
ޖޭއެސްސީން ބުނީ ހައި ކޯޓްގެ އިސް ފަނޑިޔާރު ކަނޑައެޅުއްވީ އެކަމަށް ޓަކައި އެކުލަވާލި ކޮމެޓީން ހުށަހެޅުއްވި ރިޕޯޓުގެ މައްޗަށް ބަލައި، އެ ރިޕޯޓްގައިވާ ގޮތަށް ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން ކަމަށެވެ.