މިދިޔަ އަހަރު ޑިސެމްބަރު މަހު ށ.ކޮމަންޑޫން ވަދާ އަޅަން ނުކުތް މީހަކު ހޮވި 30 ކިލޯގެ މާވަހަރު 11.4 މިލިއަން ރުފިޔާ އަށް ވިއްކާލައިފި އެވެ.

މާވަހަރު އެ އަގަށް ވިއްކާލާފައިވާކަން އެ ރަށު ކައުންސިލުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް މާވަރު ވިއްކާލީ ކޮން ބަޔަކަށް ކަމެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

އެ ރަށު ވާދީ، އަބްދުއްރަހީމް ހަސަން ހޮވި އެ މާވަހަރު އެންމެ ފުރަތަމަ ވިއްކަން ނިންމާފައި ވަނީ 17 މިލިއަން ރުފިޔާ އަށެވެ. އެއީ ގުރާމެއް 37 ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް އެ އަގަކަށް މާވަހަރު ވިކޭ ގޮތެއް ނުވި އެވެ.

މާވަހަރާ ގުޅޭ ގޮތުން މީގެ ކުރިން ސަން އާ ވާހަކަ ދެއްކި އަބްދުއްރަހީމުގެ ދަނބިދަރި އިބްރާހިމް މޫސާ ބުނީ، ބައްޕަ ހޮވި މާވަހަރަކީ "އޭ ކޮލިޓީ"ގެ މާވަހަރެއް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ފޮއްދޫ އިން ވެސް ވަނީ 10 ކިލޯގެ މާވަހަރެއް ހޮވައިފަ އެވެ.