14 Mar 2016, 15:27
ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ސަރުކާރުން ނިންމައި، މަޝްވަރާގައި ހުރިހާ ޕާޓީއެއް ހިމަނަން މަސައްކަތް ކުރަމުން ދަނީ ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މަޝްވަރާ ކުރުމަށް ބުނެފައި ވާތީ ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު މެންދުރު އެމްޑީޕީއާ އެކު ރައީސް އޮފީހުގައި ބޭއްވުމަށް ހަމަޖެއްސި މަޝްވަރާތަކަށް އެ ޕާޓީ އިން ހާޒިރުވެފައެއް ނުވެ އެވެ.
މަޝްވަރާތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން، މަޝްވަރާގައި ސަރުކާރު ތަމްސީލު ކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާތަކަށް ހުރިހާ ޕާޓީތަކަށް ދައުވަތު ދިނުމުން ވެސް އަދި މަޝްވަރާތަކަށް ވަކިން ދައުވަތު ދިނުމުން ވެސް އެމްޑީޕީ އިން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.
ޝައިނީ ވިދާޅުވީ ސަރުކާރުން މަޝްވަރާ ކުރަނީ އިހުލާސްތެރި ކަމެއް ނެތި، ސީމެގުން އެގޮތަށް ކަންތައް ކުރަން އަންގާފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.
"އެހެންނަމަވެސް ރިޕޯޓުތައް ބައްލަވާލައްވައިފިއްޔާ ވަރަށް ރަނގަޅަށް އެނގިގެންދާނެ އެ ވާހަކަތަކުގެ ކުރިއަށް އަޅުގަނޑުމެން ސަރުކާރުން ޕާޓީ މަޝްވަރާއަށް ގޮވާލައިފި. އެހެންވީމާ މީ ސީމެގްގައި އޮތުމުން ކުރާ ކަމެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.
ސީމެގް އިން ވަނީ އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ވަކި ގޮތެއް ނިންމުމުގެ ބަދަލުގައި ރާއްޖެ އިން ކުރަން ފެންނަ ކަންތައްތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ، މަގުސަދެއް އޮވެގެން ކުރިއަށްދާ މަޝްވަރާތަކެއް ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމާއި ބަންދުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފިޔަވަޅު އެޅުން ވަނީ ހިމަނައިފަ އެވެ.
ސީމެގުން ނިންމާފައި ވަނީ އެކަންތައްތައް އެކަށީގެންވާ މުއްދަތެއްގައި ހިނގަމުންދޭތޯ ބެލުމަށެވެ.
އެމްޑީޕީ އާއި އަދާލަތުން މަޝްވަރާގައި ބައިވެރި ނުވަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ބުނެ އެވެ. ނަމަވެސް މިނިސްޓަރު ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިނުވުމުން، އެ ޕާޓީތަކުގެ އިހުލާސްތެރިކަމެއް ނެތްކަން އެނގިގެންދާ ކަމަށެވެ.
ޝައިނީ ވިދާޅުވީ ހުށަހަޅާނެ ކަންތައްތަކެއް ހުރި ނަމަ، އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އަންނާނެ ކަމަށެވެ. އެމްޑީޕީ އަދި އަދާލަތުން މަޝްވަރާތަކަށް އައުމަށް އަދިވެސް ދައުވަތު ދޭނެ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އެ ދެޕާޓީ މަޝްވަރާއަށް ގެނެވޭތޯ އަދިވެސް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
މިއީ ސަރުކާރުން އެމްޑީޕީއަށް މަޝްވަރާތަކަށް ދައުވަތު ދިން ހަތަރު ވަނަ ފަހަރެވެ. ސަރުކާރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމުގެ ގޮތުން މަޝްވަރާ ކުރުމަށް ކުރިން ވެސް އެ ޕާޓީ އަށް ދައުވަތު ދީފަ އެވެ. އަދި އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާތަކަށް ވެސް ދެފަހަރެއްގެ މަތިން އެޕާޓިއަށް ވަނީ ދައުވަތު ދީފަ އެވެ.
ނަމަވެސް އެމްޑީޕީ އިން މިހާތަނަށް ސަރުކާރުގެ އެއްވެސް ދައުވަތެއް ގަބޫލުކޮށްފައެއް ނުވެ އެވެ.
އެމްޑީޕީ އަދި އަދާލަތު ޕާޓީން ބުނެފައި ވަނީ މަޝްވަރާ ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަން ވެސް ނެތް ކަމަށެވެ. އަދި މަޝްވަރާތަކަށް ދާނީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުމުން ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.
ސަރުކާރުން ބުނީ އެހުރިހާ ކަމަކަށް ވެސް ހައްލު ހޯދޭނެ މަޝްވަރާގެ މޭޒަށް އައިސް ވާހަކަ ދެއްކުމުން ކަމަށެވެ.