14 Mar 2016, 14:40
ފްރާންސު ލީގުގައި އަށް މެޗު ކުރިއަށް އޮއްވައި ޖެހިޖެހިންގެ ހަތަރު އަހަރު ވެސް ލީގު ކާމިޔާބު ކުރި ޕީއެސްޖީން މި ސީޒަންގެ ލީގު ވެސް ކާމިޔާބު ކޮށްފި އެވެ.
ޕީއެސްޖީން ލީގް ކާމިޔާބު ކުރީ އެ ޓީމު ރޭ ޓްރޮޔެސްއާ ދެކޮޅަށް ކުޅުނު މެޗު 0-9ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާ އެކު ޖުމްލަ 77 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެވަނައިގައި އޮތް މޮނާކޯއަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. ކުރިއަށް އޮތް އަށް މެޗުން މޮނާކޯ މޮޅުވި ނަމަވެސް، އެޓީމަށް ލިބޭނީ 76 ޕޮއިންޓެވެ.
މިއީ ޖެހިޖެހިގެން ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރަށްވާއިރު، މިއީ އެ ޓީމުގެ ތާރީހުގައި ލީގު ހޯދި ހަ ވަނަ ފަހަރެވެ.
ޓްރޮޔެސްގެ ދަނޑުގައި ކުޅުނު އެ މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފަ އެވެ. އެގޮތުން އެޑިސަން ކަވާނީ ފުރަތަމަ ގޯލު ކާމިޔާބްކޮށްދިން އިރު ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ހާވިއޭ ޕަސްޓޯރޭ އެވެ. ތިން ވަނަ ގޯލު ޖެހީ އެޑްރިއަން ރަބިއޮޓް އެވެ.
ދެ ވަނަ ހާފުގައި ޕީއެސްޖީން ހަ ގޯލު ކާމިޔާބު ކުރިއިރު ފުރަތަމަ 10 މިނެޓްގައި ޒްލަޓާން އިބްރަހިމޮވިޗް ވަނީ، ތިން ގޯލް ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ.
އެ މެޗުގައި ޕީއެސްޖީން ކާމިޔާބު ކުރި ހަތް ވަނަ ގޯލަކީ، ޓްރޮޔެސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކަށްވާއިރު، އެ ޓީމުގެ އަށްވަނަ ގޯލް ކާމިޔާބުކޮށް ދިނީ ކަވާނީ އެވެ. އަދި އެ ޓީމުގެ ނުވަ ވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބްކޮށް ދިނީ އިބްރަހިމޮވިޗެވެ. އެ ގޯލާ އެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތް އިބްރަހިމޮވިޗްގެ ލަނޑުގެ އަދަދު ވަނީ 27 އަށް އަރާފަ އެވެ.
ލީގު ޗެމްޕިއަންކަން ޕީއެސްޖީން ހޯދި ނަމަވެސް މި ސީޒަނުގައި ބޮޑު ހޭދައެއް ކުރަމުން އަންނަ ޕީއެސްޖީ އަށް އަދި ހިންދެމިލެވޭކަށް ނެތެވެ. އެއީ އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މި އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.
ޕީއެސްޖީ އަށް މި ސީޒަނުގައި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް ވަނީ ތަނަވަސް ވެފައެވެ.